29 Sep 2015, 13:30
ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ"ގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގަށް ލޯންޗު އާރަށަށް ގެންގޮސް ތަހުގީގުތައް ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އިސްމާއީލު އަލީ މިއަދު "ސަން" އަށް ވިދާޅުވީ ބޭރުގެ އެކްސްޕާޓުން ރޭ އައިސް މިއަދު އެ ޓީމާ އެކު ތަހުގީގުތައް ފަށާފައިވާ ކަމަށެވެ.
އިސްމާއީލު ވިދާޅުވީ ތަހްގީގު ފެށީ އެމެރިކާގެ އެފްބީއައިގެ އެކްސްޕާޓަކާއި އަދި ސައުދީ ފޮރެންސިކް ޓީމާ އެކު ކަމަށެވެ.
ފުލުހުންނާއި ސިފައިން ވަނީ އިއްޔެ ވެސް ތަހުގީގުތައް ފަށައި ބައެއް މީހުންގެ ބަޔާންތައް ނަގައިފަ އެވެ. ނަމަވެސް ލޯންޗުގައި ހިނގި ހާދިސާގެ ފިޒިކަލް ތަހުގީގުތައް އިއްޔެ ކުރި ކަމެއް އެނގިފައެއް ނުވެ އެވެ. ފުލުހުން އެ ސުވާލަށް ސީދާ ޖަވާބެއް ނުދެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ދަތުރު ކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮވައި އިއްޔެ ހިނގި ހާދިސާ ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވެސް ރޭ ވަނީ ބުނެފަ އެވެ.
އެނގިފައިވާ ގޮތުގައި ރިޔާސީ ލޯންޗުކޮޅުގައި އިއްޔެ އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ތަހުގީގަށް އެ ލޯންޗުގެ ކުރޫއިން ފުލުސް އޮފީހަށް ވަނީ ހާޒިރުކޮށްފަ އެވެ.
ހައްޖުގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަށް ވަޑައިގެން އިއްޔެ ހެނދުނު ހުޅުލެއިން މާލެއަށް ދަތުރުކުރައްވައި އިއްޒުންދީން ފަލަމާ ކައިރިކުރަން އުޅެނިކޮށް ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވާފައި ވަނީ އެ ސަރަހައްދުގައި ނޫސްވެރިން ވެސް ތިއްބަ އެވެ. ސައުދީ ދަތުރުފުޅާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް ރައީސް ނިންމަވާފައި ވަނިކޮށް، ލޯންޗުގައި ހިނގި ހާދިސާގައި ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމާއި ރައީސް އޮފީހުގެ މުވައްޒަފަކާއި ރައީސްގެ ބޮޑީގާޑަކަށް ވަނީ އަނިޔާވެފަ އެވެ.
އެ ހާދިސާގައި ރައީސްގެ އަނބިކަނބަލުންގެ މައިބަދައިގެ ހަތަރު ތަނެއްގައި ވަނީ ރެނދުލައިފަ އެވެ. އަދި މަދުވެގެން ތިން ހަފުތާ ވަރު ބެޑް ރެސްޓް ކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން ލަފާދެ އެވެ.