29 Sep 2015, 12:59
ރާއްޖޭގަ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3 ޖީ ހިދުމަތް ދިރާގުން ދީފިއެވެ.
މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީގެ ހިދުމަތް ފޯރުކޮށްދިން ފުރަތަމަ ފަހަރެވެ.
ދިރާގުގެ މައި އޮފީހުގައި މިއަދު ބޭއްވި ޕްރެސްކޮންފަރެސެއްގައި ދިރާގުގެ އާ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ އިސްމާއިލް ރަޝީދު ވިދާޅުވީ މިއީ ދިރާގުން ހާސިލްކުރި ވަރަށް މުހިއްމު ލަނޑުދަނޑިއެއް ކަަމަށެވެ.
"މިއީ އަޅުގަނޑަށް ހީވަނީ މުޅި ރާއްޖޭގެ ތާރީޚުގައި ވެސް އަދި ދިރާގުގެ ތާރީޙުގައި ވެސް ވަރަށް ބޮޑަށް ފާހަގަކޮށްލެވޭނެ ދުވަހަކަށް ވާނެހެން" އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
ބްރޯޑް ބޭންޑް ހިދުމަތަކީ އެއްމެންނަށް ވެސް ބޭނުންވާ ހިދުމަތެއް ކަމަށާއި މި ހިދުމަތް ތަރައްގީކުރަން ދިރާގުން އަބަދުވެސް މަސައްކަތްކުރާ ކަމަށް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
އަދި ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ސަބްމެރިން ކޭބަލް އެއް އަޅާފައިވާ ކަަމަށާއި ދިރާގުގެ ހިދުމަތްތައް ދެނީ އެ ކޭބަލް މެދުވެރިކޮށް ކަަމަށް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
ދިރާގުގެ ވިސްނުމަކީ ދިރާގުންދޭ ހިދުމަތްތައް މާލޭގައި ދިނުމުގެ ބަދަލުގައި ރާއްޖޭގެ ހުރިހާ އެއްމެންނަށް ހިދުމަތް ދިނުން ކަަމަށް އޭނާ ވިދާޅުވިއެވެ.
މުޅި ރާއްޖެ އަށް 3ޖީ އިންޓަނެޓްގެ ހިދުމަތް ދިރާގުން ދީފައި މިވަނީ އެކަން ނިންމަން ކަނޑައެޅިވަރަށް ވުރެ ތިން މަސްކުރިން ކަަމަށް ވެސް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
އެ ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ދިރާގުގެ މާކެޓިން ޑިރެކްޓާ އަހުމަދު މައުމޫން ވިދާޅުވީ އަތޮޅުތެރޭގައި ދެމުންދާ 3ޖީ ގެ ހިދުމަތަކީ ސްޕީޑްގެ ގޮތުން ބަލާއިރު ވެސް އެއްމެ ސްޕީޑް ރަނގަޅު 3ޖީ ކަމަށެވެ.
"ރަށެއްގަ 72 މީހުން ތިބި ކަމުގައި ވިޔަސް އަދި 100 މީހުން ތިބި ކަމުގައި ވިޔަސް ހިދުމަތް ދިނުމުގެ ސްޕީޑްގެ ފެންވަރަަކަށް އެއްވެސް ބަދަލެއް ނުގެންނަށް. އެ ފެންވަރުގެ ނެޓްވޯކެއް އަޅުގަނޑުމެން ގާއިމުކުރީ." މައުމޫން ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި އެކަނި ވެސް 88 ރަށަށް 3 ޖީ ހިދުމަތް ދީފައިވާ ކަަމަށް ވެސް މައުމޫން ވިދާޅުވިއެވެ. އަދި އެހާ ހަލުވި ސްޕީޑެއްގައި މަސައްކަތް ކުރިއަށް ގެންދިޔައީ ކަސްޓަމަރުންނަށް ވީހާ ވެސް އަވަހަށް ހައި ސްޕީޑް މޯބައިލް ބްރޯޑް ބޭންޑް ފޯރުވައިދޭން ކަަމަށާއި އުއްމީދަކީ އެ ހިދުމަތް ބޭނުންކޮށްގެން އެފަރާތްތައް ބޭނުންވާ އިޖްތިމާއީ އިގްތިސާދީ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބުން ކަމަށް މައުމޫނު ވިދާޅުވިއެވެ.
"މިއަދު ވާނީ އަޅުގަނޑުމެންނެކޭ އެއްފަދައިން އަދި އެއަށްވުރެން ބޮޑަށް އަޅުގަނޑުމެންގެ ކަސްޓަމަރުން މިކަން ފާހަގަކޮށް ހިތްހަމަޖެހޭނެ ދުވަހަކަށް." މައުމޫނު ވިދާޅުވިއެވެ.
ދިރާގުން މޯބައިލް އިންޓަނެޓް ހިދުމަތާއި އެހެނިހެން ހިދުމަތް ތަރައްގީ ކުރުމަށް އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ސީއީއޯ އިސްމާއިލް ރަޝީދު ދެއްވިއެވެ.