ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ"ގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބާއްވަން ނިންމި ޑިމްކުރަސީ ވީކް ފަސްކޮށްފި އެވެ.

އެހަފްތާ ފާހަގަ ކުރުމަށް ކުރިން ނިންމާފައި ވަނީ އަންނަ މަހު ހަތަރު ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހަށް ހއ. ހޯރަފުށީގަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިއަދު ސަން އަށް ވިދާޅުވީ ގައުމު މިވަގުތު އޮތް ހާލަތަށް ބަލައި ޑިމޮކުރަސީ ވީކް ފަސްކޮށްފައިވާ ކަމަށާއި ނަމަވެސް އެ ހަފްތާ ފާހަގަކުރާނެ ވަކި ދުވަހެއް އަދި ނުނިންމާ ކަމަށެވެ.

"ޑިމޮކުރަސީ ވީކްގައި ބައިވެރިވާ ހުރިހާ މުއައްސަސާއަކާ އެކު ބޭއްވުނު މީޓިންއަށް ފަހު އިލެކްޝަންސް ކޮމިޝަނުން މިވަނީ އެބޭފުޅުންގެ އިއްތިފާގާ އެކު މި އިވެންޓް އިހަށް ފަސްކޮށްލަން ނިންމާފައި." އަކްރަމް ވިދާޅުވި އެވެ.

އެހަފްތާ ފާހަގަކުރާނެ ވަކި ދުވަހެއް އަދި ނުނިންމި ނަމަވެސް ވަރަށް އަވަހަށް ވަކި ދުވަހެއް ނިންމާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ޑިމޮކްރަސީ ވީކް ފާހަގަ ކުރުމަށް 1.6 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށާއި އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓުން ހަރަދު ކުރާނީ ގާތް ގަނޑަކަށް 480000 ރުފިޔާ ކަމަށް އަކުރަމް ކުރިން ވަނީ ވިދާޅުވެފަ އެވެ. އަނެއް ބައި ހަރަދުކުރާނީ އެ ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ކަމަށް ވެސް ވިދާޅުވި އެވެ.