ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބޭއްވި އަށް ވަނަ ރިސޯޓް ކުރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ކުލަބް މެޑުން ހޯދައިފި އެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު ފައިނަލް މެޗުގައި މީރު އައިލެންޑް ރެސޯޓާއި ކުލަބް މެޑު ބައްދަލުކޮށް، ކަލަބް މެޑު އެ މެޗު ކާމިޔާބު ކުރީ ހަތް ވިކެޓުންނެވެ.

ޓޮސް ދިމާވުމުން ކުލަބްމެޑުން ގަސްތުކުރީ ހޮވުމަށެވެ. މީރު އައިލެންޑް ރެސޯޓް ކުޅެން އަރައި 10 އޯވަރު ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 110 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 21 ލަނޑު ހެދި ތުސާންތާ އެވެ. އެ އިނިންގްސްގައި ކްލަބް މެޑުގެ ރަސާލް އަދި ދިލިޕް ކޮންމެ އުކުންތެރިއެއް ދެވިކެޓް ނެގި އެވެ.

ޖަވާބުގައި ކްލަބް މެޑް ކުޅެން އަރައި 9.3 އޯވަރުގެ ތެރޭގައި އެއް ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 111 ލަނޑެވެ. ރަސާލް 31 ބޯޅައިން 46 ލަނޑު އަދި ރަސިކާ 14 ބޯޅައިން 25 ލަޑުހެދި އެވެ. މީރަށް ހަމައެކަނި ވިކެޓް ނެގިފައި ވަނީ ކުމާރާ އަށެވެ.

މި މަހު 15 އިން 28ގެ ނިޔަލަށް އޮތް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ، ހަތަރު މެޗުން 84 ލަނޑު ހެދި ފޯސީޒަންގެ މުހައްމަދު އަކުރަމް އެވެ. އަދި އެންމެ މޮޅު އުކުންތެރިއަކަށް ހޮވިފައި ވަނީ ވެސް ހަތަރު މެޗަކުން ފަސް ވިކެޓް ނެގި ފޯސީޒަންގެ ސުސާންތަ އެވެ.

އެ މުބާރާތުގެ ތިން ވަނަ ހޯދާފައި ވަނީ ކުރުނބާއާ ބައްދަލުކޮށް ފަސް ވިކެޓުން މެޗު ކާމިޔާބު ކުރި ފޯސީޒަން، ކުޑަހުރާ އެވެ.

މުބާރާތުގެ އިނާމް ދެއްވީ ފޯސީޒަންގެ ޑައިރެކްޓަރު އޮފް އެޗްއާރު މިސްޓަރު ސޫދުއާއި ކްރިކެޓް ބޯޑުގެ ރައީސް އަހްމަދު ހަސަން ދީދީ އެވެ.