ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބުން ވެސް އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އެއިދާރާގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދަށް ތާއީދުކޮށްފި އެވެ.

ސަންއާ ވާހަކަ ދެއްކެވި ޝަވީދު ޓީމުގެ އޮފިޝަލަކު ވިދާޅުވީ، އިންތިޚާބުގައި ވާދަކުރައްވަން ހުށަހެޅުއްވިއިރު ފޯމުގައި އެ ދެ ޓީމްގެ ތާއީދު ލިބިފައިވާކަން ނުހިމެނި ނަމަވެސް ޝަވީދަށް ތާއީދުކުރަން ނިންމާފައިވާ ކަމަށް އަނގަބަހުން އެ ދެ ކްލަބުން ވެސް ބުނެފައިވާ ކަމަށެވެ.

އެ ދެ ޓީމުން ޝަވީދަށް ތާއީދުކުރަން ނިންމުމުން ފުރަތަމަ ޑިވިޝަންގެ ހުރިހާ ކްލަބެއްގެ ތާއީދު ޝަވީދަށް މިވަނީ ލިބިފައެވެ.

އެފްއޭއެމްގެ އިންތީޚާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅެނީ ފަސް ކުލަބެއްގެ ތާއީދު ލިބިގެން ކަމަށް އާ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު އެފަސް ކުލަބުގެ ތެރެއިން ތިން ކުލަބަކީ ފުރަތަމަ ޑިވިޝަންގެ ތިން ކުލަބަށް ވާން ޖެހެއެވެ.

އޮފީޝަލް ވިދާޅުވީ ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަންގެ ކުލަބުތަކުންވެސް ޝަވީދަށް ތާއީދުކޮށްފައިވާ ކަމަށާއި ނަމަވެސް އިންތިޚާބުގެ ފޯމު ހުށަހެޅުމަށް ބޭނުންވާ އަދަދު ފުރަތަމަ ޑިވިޝަނުން ހަމަވުމުން ފޯމުގައި އެކުލަބުތަކުގެ ނަން ނުޖެހީ ކަމަށެވެ.

އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅީވެސް ޝަވީދު އެކަންޏެވެ.

އެފްއޭއެމްއިން ބުނީ އިންތިޚާބުގައި ޝަވީދު އެކަނި ވާދަކުރެއްވި ނަމަވެސް މަގާމަށް އާދެވޭނީ އަންނަ މަހު 22 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ.

އެފްއޭއެމްގެ އާ ގަވައިދުގެ ދަށުން ބާއްވާ ފުރަތަމަ އިންތިޚާބުގައި އެފްއޭއެމްގެ މެންބަރު 44 ކްލަބަށް ވޯޓް ދިނުމުގެ ހައްގު ލިބިގެންވެއެވެ.

އެފްއޭއެމްގެ އެގްޒެކެޓިވް ކޮމީޓީގެ ނުވަ މަގާމަކަށް މެންބަރުން އިންތިޚާބު ކުރާއިރު އަނެއް އަށް މަގާމަށް ނަންތައް ހުށަހަޅާނީ އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލާ ކެނޑިޑޭޓުން އޭނާގެ ޓީމްގެ ގޮތުގައެވެ.

ޝަވީދުގެ ނައިބަކަށް އޭނާ ހަމަޖައްސާފައިވަނީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ ޢުމަރެވެ.

އެފްއޭއެމްގެ އިންތިޚާބަށް ޝަވީދު ކުރިމަތިލެއްވިއިރު އޭނާއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްވެސް މެއެވެ.