ހަތް ހާހަށް ވުރެ ގިނަ ދަރިވަރުންނާ އެކު މި އަހަރުގެ އޯ ލެވެލް އިމްތިހާނު އަންނަ ހޯމަ ދުވަހު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ބުނީ މި އަހަރު ރާއްޖޭން މުޅި ޖުމްލަ 7066 ދަރިވަރުން ޖީސީއީ އަދި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި 192 ސްކޫލަކުން 5365 ދަރިވަރަކު މި އިމްތިހާނު ހަދާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓުރީން ބުނެފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ އަމިއްލަ ގޮތުން 47 ތަނެއްގައި އިމްތިހާނު ބާއްވާ އިރު، 1701 ދަރިވަރަކު އަމިއްލަ ގޮތުން މި އަހަރު އިމްތިހާނުގައި ބައިވެރިވާނެ ކަމަށެވެ.

އަންނަ ހޯމަ ދުވަހު އޯލެވެލް އިމްތިހާނު ފަށާ އިރު، އިމްތިހާނު ސުވާލު ކަރުދާސްތައް ސެންޓަރުތަކަށް ފޮނުވުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން މިހާރު އަންނަނީ ކުރަމުންނެވެ.

އެ ޑިޕާޓްމަންޓުން ވަނީ މި މަހުގެ ކުރީކޮޅު އިމްތިހާނު ސެންޓަރުތަކުގެ އޮފިޝަލުންނަށް އިމްތިހާނު ހިންގުމުގެ ތަމްރީނު ދީފަ އެވެ. މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ އެކި ހިސާބުތަކުން 185 އޮފިޝަލަކު ބައިވެރިވެފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓުރީން ބުންޏެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި 194 ސްކޫލަކުން، 7202 ދަރިވަރުން ބައިވެރިވެ، ގަދަ 10 ގައި 469 ދަރިވަރަކު ހިމެނިފައިވެ އެވެ.

އަންނަ ހަފުތާގެ ހޯމަ ދުވަހު ފަށާ އޯ ލެވެލް އިމްތިހާނު ނިމޭނީ އަންނަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.