29 Sep 2015, 11:29
އެޕަލް އިން އަލަށް ތައާރަފްކޮށްފައިވާ އައިފޯން 6 އެސް އަދި 6 އެސް ޕްލަސް އޮކްޓޫބަރު އަށެއްވާ ހުކުރު ދުވަހުން ފެށިގެން ދިރާގުން ވިއްކާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އައިފޯނު ގަންނަށް ބޭނުންވާ ކަސްޓަމަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުުރުސަތު އަންނަ ހުކުުރު ދުވަހު ހުޅުވައިލާނެ ކަަމަށެވެ.
ދިރާގުން އައިފޯނުގެ އެންމެ ފަހުގެ ވައްތަރުތައް ވިއްކާނެ ކަަމަށް އިއުލާންކޮށްފައިވާ އިރު އެޕަލް ކުންފުނިން ވަނީ "އޮފިޝަލް ޑިސްޓްރިބިއުޓާ އެންޑް ރީޖަނަލް ސްޓޮކިސްޓް" އަކަށް ސޮފްޓް ޓަޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަަމަޖައްސާފައެވެ.
" އެޕަލްގެ އޮފިޝަލް ޑިސްޓްރިބިއުޓާއެއްގެ ގޮތުގައި ސޮފްޓް ޓަޗް ހަމަޖެހިގެން ދިއުމުން އެކަމަށް މަރުހާބާ ކިޔަން. އަޅުގަނޑުމެން ވަރަށް އުފާކުރަން ދެވަނަބުރުގައި އައިފޯން ތައާރަފްކުރާ ގައުމުތަކުގެތެރޭގައި ރާއްޖެ ހިމެނޭތީ. އަދި އެއަށްވުރެ މާއުފާވޭ ރާއްޖޭން އައިފޯން ވިއްކާ ފުރަތަމަ މުވާސަލާތީ ހިދުމަތްދޭ ކުންފުންޏަށް ވީމަ،" ދިރާގުގެ މާކެޓިން ޑިރެކްޓަރު އަހުމަދު މައުމޫން ވިދާޅުވިއެވެ.
މި މަހުގެ 25 ވަނަ ދުވަހު އެޕަލް އިން އައިފޯނު 6 އެސް އަދި 6 އެސް ޕްލަސް ބާޒާރަށް ނެރުނު ފަހުން މިވީ ހަތަރު ދުވަހުގެ ތެރޭގައި 13 މިލިއަނަށް ވުރެ ގިނަ ފޯނު ވަނީ ވިއްކައިފައެވެ.
އައިފޯނު 6 އެސް އަދި 6 އެސް ޕްލަސް އެޕަލް އިން ފުރަތަމަ ލޯންޗް ކުރީ 12 ގައުމެއްގައެވެ. އެ ގައުމުތަކުން ފޯނު ގަނެގެން ގެނެސް ރާއްޖޭގެ މާކެޓުގައި ވެސް ބައެއް ފަރާތްތަކުން އަންނަނީ މީގެ ދެ ދުވަސް ކުރީއްސުރެން ފެށިގެން އެ ފޯނުތައް ވިއްކަމުންނެވެ.