29 Sep 2015, 11:11
ރިޔާސީ ލޯންޗްގައި އިއްޔެ އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވެސް ރޭ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށް ފަހު ދާދި ދެންމެއަކު ދޫކޮށްލައްވައިފި އެވެ.
ޝައިނީއާ ގާތް ބޭފުޅަކު މިއަދު 'ސަން' އަށް މިއަދު ވިދާޅުވީ އޭނާ ދޫކޮށްލެއްވީ ދެންމެ ކަަމަށާއި ހާލު ރަނގަޅު ކަމަށެވެ.
"ރޭގައި ލޭގެ ޕްރެޝަރު ވެސް ތަންކޮޅެއް މަތީގަ ހުރީ. މިހާރު ނޯމަލް" އެ ބޭފުޅާ ވިދާޅުވި އެވެ.
ޝައިނީ ރޭ އެޑްމިޓް ކުރީ ނޭފަތުން ލޭ އަންނަން ފެށުމުން ކަމަށް 'ސަން' އަށް ވަނީ އެނގިފަ އެވެ.
ޑރ. ޝައިނީ ވަނީ ރައީސްގެ ލޯންޗުކޮޅުގައި އެއްޗެއް ގޮވުމުން އަނިޔާވި މީހުންނަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެއްވައިފަ އެވެ. ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމަށް ޝައިނީ އެހީތެރިވެވަޑައިގެންނެވި އެވެ.
އެ ހާދިސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މައިބަދައިގެ ހަތަރު ތަނެއްގައި ރެނދުލާފައިވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
އެއްޗެއް ގޮވުމުގެ ހާދިސާގައި ރައީސްގެ ބޮޑީގާޑް އަބްދުއްނާސިރަށް ވެސް ވަރަށް ބޮޑެތި އަނިޔާތައް ވެފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. އޭނާގެ ފައި ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ.
މީގެ އިތުރުން ރައީސް އޮފީހުގެ ޕްރޮޓޮކޯލް ބޭފުޅެއް ކަމަށްވާ ފާތުމަތު ސާލިހުގެ އަތާއި ފައި ވަނީ ފިހިފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެ ހާދިސާ މިހާރު ދަނީ ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާ އެކު ތަހުގީގުކުރަމުންނެވެ.