29 Sep 2015, 10:58
ވޯލްޑްކަޕް ކޮލިފައިންގައި މިއަންނަ މަހުގެ ނުވަ ވަނަ ދުވަހު ބޫޓާންއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ގައުމީ ޓީމް މިއަންނަ މަހު ހަތަރު ވަނަ ދުވަހު ރާއްޖެއިން ފުރާއިރު ކެޕްޓަން ޢަލީ އަޝްފާޤް (ދަގަނޑޭ) ޓީމާ ގުޅޭނީ ހަ ވަނަ ދުވަހު ކަލްކަތާއިން ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ، ދަގަނޑޭ ރާއްޖެ އަންނަނީ ތިން ވަނަ ދުވަހުގެ ރޭ ކުޅެން ހަމަޖެހިފައިވާ މެޗަށް ފަހު، ހަތަރު ވަނަ ދުވަހު ކަމަށެވެ.
އެހެންކަމުން ދަގަނޑޭ މިމަހު ހަވަނަ ދުވަހު ޓީމާ ގުޅޭއިރު ޓީމު އެވަގުތު ތިބޭނީ ކަލްކަތާގައި ކަމަށް ބައްސާމް ވިދާޅުވިއެވެ.
އަމިއްލަ ސަބަބުތަކާ ގުޅިގެން ކަމަށް ބުނެ މިމަހުގެ އަށް ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅުނު މެޗްގައި ބައިވެރި ނުވެވުނު ދަގަނޑޭ ހަ ވަނަ ދުވަހު ކަލްކަތާއިން ޓީމާ ގުޅޭއިރު ޓީމު ބުޓާނަށް ދާނީ ކަލްކަތާ މަގުންނެވެ.
މިޔަންމާ ލީގްގައި ކުޅޭ ރާއްޖޭގެ ގައުމީ ޓީމްގެ ވައިސް ކެޕްޓަން މުޙައްމަދު ޢާރިފް (ބަކާ) ގައުމީ ޓީމާ ގުޅުމަށް ތިން ވަނަ ދުވަހު މާލެ އަންނާނެއެވެ.
އައްޑޫ ގަން އިންޓަނޭޝަނަލް އެއަޕޯޓުން ފުރުމަށް ހަމަޖެހިފައިވާ ޓީމު ފުރާނީ އެދުވަހު ކުޅޭ ޕްރެޒިޑެންޓް ކަޕް ފައިނަލް މެޗަށްފަހު އެރޭ ދަންވަރުގެ ވަގުތެއްގައެވެ.
ނުވަ ވަނަ ދުވަހު ބުޓާންއާ ދެކޮޅަށް ކުޅޭ މެޗަށްފަހު ގަތަރާ ދެކޮޅަށް 11 ވަނަ ދުވަހު ކުޅޭ މެޗަށް ދާނީ ބޫޓާން މަގުންނެވެ.