29 Sep 2015, 11:10
ދަރުމަވަންތަ ސްކޫލުގެ މިހާރު ހުރި އިމާރާތް ތަޅާލައި އެތަނުގައި މުޅިން އާ އިމާރާތެއް އެޅުމަށް އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން، ވަކި ގްރޭޑުތަކަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ކަމަށެވެ.
ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ. ފައިސާ ބަލައިގަންނާނީ، މިއަދުން ފެށިގެން އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކައި ޚަލާޞްކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާއެކު ހުށަހަޅަންޖެހޭނެ ކަމަށެވެ.
އަދި އެ ލިޔުން ވާންޖެހޭނީ، ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް 10 ދުވަހަށްވުރެ އިތުރުނޫން ތާރީހެއްގެ ލިޔުމަކަށް ކަމަށް ވެސް ފިނޭންސް މިނިސްޓުރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.
ދަރުމަވަންތު ސްކޫލުގެ މިހާރު ހުރި އިމާރާތް ތަޅާލައި އެތަނުގައި މުޅިން އާ އިމާރާތެއް އެޅުމަށް ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި 7500 ރުފިޔާ ހުށަހަޅަންޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ، ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 118 ދުވަހެވެ.
ޕަރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހެނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓެވެ. އެޑްވާންސް ޕޭމަންޓުގެ ގޮތުގައި، ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓު އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ އެވެ.
ފިނޭންސް މިނިސްޓުރީން ބުނީ އެ މަސައްކަތުގެ ޕުރީ ބިޑު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ 11:00 ގައި ކަމަށެވެ. އަދި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 26 ވަނަ ދުވަހުގެ 11:00 ގައި ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
ދަރުމަވަންތަ ސުކޫލު މިހާރު ހުރި އިމާރާތް ތަޅާލައި އެތަނުގައި އާ އިމާރާތެއް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާއި ގުޅިގެން ވެލާނާގެ ކައިރީގައި އަޅަމުންދާ ދަރުމަވަންތަ ސުކޫލުގެ ވަގުތީ އިމާރާތް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭ ވަރު ވާނޭ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓުރީން ވަނީ މީގެ ކުރިން ބުނެފައެވެ.