ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ އަނބިކަނބަލުން ދަތުރު ކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮވައި އިއްޔެ ހިނގި ހާދިސާ ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ްއެމްއެންޑީއެފުން ރޭ ނެރުނު ދެ ޕެރެގްރާފްގެ ބަޔާނުގައި ބުނީ ރައީސްގެ ދެ ކަނބަނލުން ދަތުރު ކުރެއްވި "ފިނިފެންމާ" ލޯންޗު އިއްޔެ އިއްޒަތްދީން ފާލަމާ "ގާތްކުރަން އުޅުނު ވަގުތު އެ ލޯންޗުގައި ނުރައްކާތެރި ހާދިސާއެއް ހިނގާފައިވުމުން، އެކަން ހިނގި ގޮތް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި" ބަލަމުން އަންނަ ކަމަށެވެ.

އެ ބަޔާނުގައި ބުނީ އެ ތަހްގީގު ކުރިއަށް ދަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޓީމަކާއި ފުލުހުންނާއި އަދި ބޭރުގެ ތަޖުރިބާކާރު މާހިރުންގެ ލަފާގެ މަތީން ކަމަށެވެ.

ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާގައި ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އާއި ރައީސްގެ ބޮޑީގާޑަކަށާއި އަދި ރައީސްގެ ޕްރޮޓްކޯލް ބޭފުޅަކަށް ވަނީ ސީރިއަސް އަނިޔާތަކެއްވެފަ އެވެ.