އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުން ކްލަބް ޓީރެކްސްއާއި ރެޑްލައިން ކުލަބް ޖާގަ ހޯދައިފި އެވެ.

ޓީރެކްސް މި މުބާރާތުގެ ފައިނަލަށް ދިޔައީ ރޭ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓްގައި ހަރިކޭން ބާސްކެޓް ބޯލް ކުލަބާ ކުޅެ 100-62 ޕޮއިންޓުން މޮޅުވެގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ޓީރެކްސް އަށް 26 ޕޮއިންޓް ހޯދައިދިން ޖާޒީ ނަމްބަރު 15 އަޙްމަދް އަހްސަން އެވެ.

މި މުބާރާތުގެ ސެމީފައިނަލް ދެވަނަ މެޗްގައި ރެޑްލައިން ކުލަބާއި ޔޫއެން ފްރެންޑްސް ބައްދަލު ކުރި މެޗް 87-64 ޕޮއިންޓުން ކާމިޔާބު ކޮށް، ފައިންލްގެ ދެވަނަ ޖާގަ ރެޑްލައިން ކުލަބުން ވަނީ ހޯދާފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ރެޑްލައިނަށް 28 ޕޮއިންޓް ހޯދައިދިން ޖާޒީ ނަމްބަރު 8 އަޙްމަދު އަފްޝަން ރަޝާދެވެ.

މި ދެ ޓީމަކީ ބާސްކެޓްބޯޅައިގެ އެންމެ ވާދަވެރި ދެ ކުލަބެވެ. ބާސްކެޓްބޯލް އެސޯސިއޭޝަނުން މި އަހަރު އަލަށް ބޭއްވި އެމްބީއޭ ކަޕުގެ ފިރިހެން އެއް ވަނަ ޑިވިޝަނުގެ ފައިނަލްގައި ވެސް މި ދެ ޓީމް ވަނީ ކުޅެފައެވެ. ވާދަވެރި ކުރިމަތިލުމަކަށް ފަހު އެ މުބާރާތުގެ ޗެމްޕިއަންކަން ރެޑްލައިން ކްލަބް ބަލިކޮށް ޓީރެކްސް ބާސްކެޓްބޯލް ކްލަބުން ހޯދީ 76-73 ޕޮއިންޓުގެ ކުޑަ ތަފާތަކުންނެވެ.

މުބާރާތުގެ ތިން ވަނަ ހޮވާ މެޗު މިރޭ 9:30 ގައި ކުޅުމަށް ހަމަޖެހިފައި ވާއިރު އެމެޗުގައި ވާދަކުރާނީ، ހަރިކޭން އާއި ޔޫއެން ފްރެންޑްސް އެވެ.