ވޮޝިންޓަން (ސެޕްޓެމްބަރު 29): ފާއިތުވި ހަތަރު އަހަރު ތެރޭގައި ދުނިޔޭގެ އެކި ގައުމުތަކުން "ޖިހާދު"ގެ ނަމުގައި 30 ހާހަށްވުރެ ގިނަ ހަނގުރާމަވެރިން ސޫރިޔާއާއި އިރާގަށް ގޮސްފައިވާ ކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެފި އެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން ދުނިޔޭގެ އެކި ގައުމުތަކުން 30 ހާހަށްވުރެ ގިނަ ހަނގުރާމަވެރިން ފާއިތުވި ހަތަރު ވަރަކަށް އަހަރުތެރޭގައި ވަނީ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ފަދަ އިރާގާއި ސޫރިޔާގައި ހަރުކަށި އަމަލުތައް ހިންގަމުން ގެންދާ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިފައެވެ.

މި 30،000 މީހުންގެ ތެރޭގައި އެއްގައުމަކުން އެންމެ ގިނަ ކަމަށްވަނީ ސައޫދީ ރައްޔިތުންނެވެ. ދެން ތޫނިސްގެ ރައްޔިތުންނެވެ. މީގެތެރޭގައި ހިމެނެނީ އެމެރިކާގެ ގާތްގަނޑަކަށް 250 މީހުންކަމަށާއި އަދި ޔޫރަޕާއި އޮސްޓްރޭލިޔާއާއި ކެނެޑާގެ ބައެއް މީހުން މި 30،000 މީހުންގެ ތެރޭގައި ހިމެނޭކަމަށްވެއެވެ.

މިރިޕޯޓް ބުނާގޮތުން ޖިހާދުގެ ނަމުގައި ސޫރިޔާއާއި އިރާގަށް ދާ ހަނގުރާމަވެރިން ހުއްޓުވުމުގައި ބައިނަލްއަގްވާމީ މުޖްތަމައު ވަނީ ނާކާމިޔާބުވެފައެވެ. މިކަން ނާކާމިޔާބުވެފައި ވަނީ ސޫރިޔާގެ ހަނގުރާމައިގައި އެކި ގައުމުތަކުގެ ސިޔާސަތު އެކި ގޮތްގޮތަށް ހުރުމާއެކު އަވަށްޓެރި ގައުމުތަކުގެ ވާދަވެރިކަމުގެ ބޮޑުކަމުން ކަމަށްވެސް މިރިޕޯޓް ބުނެއެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމަ ހިނގަމުންދަނީ ނުސީދާ ގޮތެއްގައި އެއްކޮޅުން ސައޫދީ އަރަބިޔާއާއި އަނެއްކޮޅުން އީރާނާ ދެމެދުގައެވެ. ނަމަވެސް ރަޝިޔާއާއި އެމެރިކާއާއި ގަތަރާއި ތުރުކީވެސް މިހަނގުރާމައިގެ ތެރެއަށް ނުސީދާގޮތެއްގައި ވަންނަމުންދެއެވެ.

އައިއެސްއާ ދެކޮޅަށް އެމެރިކާއާއި އެމެރިކާގެ ބައިވެރިން ދޭ ވައިގެ ހަމަލާތަކުގައި މިހާތަނަށް 10،000 ހަނގުރާމަވެރިން މަރާލެވިފައިވާ ކަމަށް ބުނެ އެމެރިކާ ޕްރޮޕަގެންޑާ ފަތުރަމުން ގެންދިޔަނަމަވެސް މަހެއްގެ މައްޗަށް ހާހަކަށްވުރެ ގިނަ ބޭރުގެ ހަނގުރާމަވެރިން އައިއެސްގެ ޚިދްމަތަށް ވެއްދުމުގައި އެޖަމާއަތްވަނީ ކާމިޔާބު ހޯދާފައިކަމަށް އެމެރިކާ ގެ ޖާސޫސީ ރިޕޯޓްތައް ބުނެއެވެ. (އަލްޖަޒީރާ)