29 Sep 2015, 09:50
ރާއްޖޭގެ ސްކޫލުތަކުގައި މިހާރު ވެސް އިސްލާމް އަދި ގުރުއާން ކިޔަވައިދެއްވަމުން އަންނަ ޓީޗަރުންގެ ތެރެއިން ޑިޕްލޮމާ ފެންވަރު ނެތް ޓީޗަރުންނަށް ޑިޕްލޮމާ އަށް ކިޔެވުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީ އިން ހުޅުވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓުރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ 15:00ގެ ކުރިން ފޯމު ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ. އެޑިއުކޭޝަނުން ބުނީ އެ ޕްރޮގުރާމް އަމާޒުކުރާ ސްކޫލްތަކަކީ، އިސްލާމް އަދި ގްރުއާން ކިޔަވައިދިނުމަށް އިޢުލާނުކުރުމުން ދާއިމީ ޓީޗަރުން ނުލިބޭ ސްކޫލުތައް ކަމަށެވެ.
އިއުލާނުގައި ބުނެފައި ވަނީ އެފަދަ ސްކޫލުތަކުގައި ކޮންޓްރެކްޓް އުސޫލުން ނުވަތަ ވޭޖް އެމްޕްލޯއިމަންޓްގެ އުސޫލުން މިވަގުތު މަސައްކަތްކުރާ ފަރާތްތަކަށާއި އަލަށް ގުޅެން ބޭނުންވާ ފަރާތްތަކަށް ވެސް އެ ޕްރޮގުރާމުގައި ބައިވެރިވުމަށް އެދެވޭނެ ކަމަށެވެ.
އެ ޕުރޮގުރާމުގައި ބައިވެރިވާ ފަރާތްތަކުގެ ޝަރުތެއް ކަމަށް އެޑިއުކޭޝަނުން ބުނެފައި ވަނީ ދަށްވެގެން އެސްއެސްސީ ނުވަތަ ޖީސީއީ އޯލެވެލްގެ ތިން މާއްދާއިން ފާސްވު މެވެ.
އެޑިއުކޭޝަނުން ބުނީ އެ ޕްރޮގުރާމަކީ އެ މިނިސްޓުރީއާ އިސްލާމިކް ޔުނިވާސިޓީއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގުރާމެއް ކަމަށެވެ.