29 Sep 2015, 09:13
ހައްޖުގެ އަޅުކަމަށް މައްކާ އަށް ވަޑައިގެން އުޅުއްވަނިކޮށް، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ބައްޕަ، އައްޝައިހު ހުސައިން އަބްދުއްރަހްމާން މައްކާގައި ރޭގެ ވަގުތެއްގައި އަވަހާރަވެއްޖެ އެވެ.
ހައްޖު މިޝަންގެ އޮފިޝަލު މިއަދު 'ސަން' އަށް ވިދާޅުވީ ޝައިހް ހުސައިން އަބްދުއްރަހްމާން އަވަހާރަވީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ފަތިސް ނަމާދަށް ފަހު ވަޅުލާފައިވާ ކަމަށެވެ. ކަށުނަމާދު ކުރުން އޮތީ މައްކާގެ ހަރަމްފުޅުގައެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ހައްޖުގެ އަޅުކަމުގައި އުޅުއްވަނިކޮށް އާލާސްކަންފުޅެއް ކުރިމަތިވެ، ހުސައިން އަބްދުއްރަހްމާން ހޮސްޕިޓަލްގައި އެޑްމިޓް ކުރި އެވެ. އަދި ބޮޑު އޮޕަރޭޝަނެއް ވެސް ކުރި އެވެ. އެ އޮޕަރޭޝަނަށް ފަހު ހާލުކޮޅު ކޮންމެވެސް ވަރަކަށް ރަނގަޅުވި ކަމަށް ވެސް އެނގިފައިވެ އެވެ. ނަމަވެސް ފަހުން ކުއްލިއަކަށް ހާލުކޮޅު ދަށަށް ގޮސް އަވަހާރަވީ އެވެ.
ޝައިހް ހުސައިން އަބްދުއްރަހްމާނަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެ މަނިކުފާނު އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި އެޓާނީ ޖެނެރަލްގެ ނާއިބުކަން ހިމެނެ އެވެ. އަދި އެކްޓިން އެޓާނީ ޖެނެރަލްއެއްގެ ގޮތުގައި އެ އޮފީސް ހިންގަވާފައި ވެސްވެ އެވެ.
ހުސައިން އަބްދުއްރަހުމާނަށް 2013 ވަނަ އަހަރު ވަނީ، ދީނީ ރޮނގުން ގައުމީ ޝަރަފުވެރިކަމުގެ އިނާމް ވެސް ދައުލަތުން އަރުވައިފަ އެވެ.
އެ މަނިކުފާނަކީ މިސުރުގެ އަލްއަޒުހަރު ޔުނިވަސިޓީ އިން، ޝަރުއީ ދާއިރާ އިން ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ ދިވެހިންގެ ތެރެއިން އިތުރު މީހަކު ވެސް ވަނީ ކުރިން ނިޔާވެފަ އެވެ.
އައްޝައިހު ހުސައިން އަބްދުއްރަހްމާން ރޭގެ ވަގުތެއްގައި އަވަހާރަވި އިރު، ޑރ. މުއިއްޒު ވެސް ހުންނެވީ ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް މައްކާގަ އެވެ.
މި އަހަރު ރާއްޖޭން ދެހާސް މީހުން ހައްޖަށް ދިއަ އެވެ. ހައްޖަށް ދިޔަ މީހުން ރޭ ވަނީ ރާއްޖެ އަންނަން ފަށައިފަ އެވެ.