ހުވަދޫ އަތޮޅުގެ ބައެއް ރަށްރަށަށް ރޭ އުދައިގެ އަސަރުކޮށްފިއެވެ.

ރޭ އުދައަރާފައިވަނީ ގދ. މަޑަވެއްޔާއި ގއ. ވިލިގިލީގެ އިތުރުން ގދ. ގައްދޫއަށެވެ.

މަޑަވެލީ ކައުންސިލްގެ ރައީސް ހުސެއިން ގާސިމް މިއަދު ސަންއަށް ވިދާޅުވީ، ރޭ އެރަށު އުތުރު ފަރާތުން 150 ފޫޓެއްހާ ހިސާބަށް އުދައަރައި 10 ގެއަކަށާއި ޕްރީ ސްކޫލަށް ލޮނުގެ އަސަރު ކުރި ކަމަށެވެ. ނަމަވެސް މާބޮޑު ގެއްލުމެއްނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ހަނދު ބޮޑުވުމުގެ ސަބަބުން އުދައެރުންކަމެއް ސީދާ ދަންނަވާކަށް ނޭނގެ. އެއީ ކުރިންވެސް ދިޔަވަރު ބޮޑުވެއްޖެއްޔާ އުދަ އަރާ ސަރަހައްދުތައް. އެކަމަކު އާދަޔާ ހިލާފަށް އަރާފައި ހުރީ ރަށުތެރެއަށް،" ހުސެއިން ގާސިމް ވިދާޅުވި އެވެ.

މިއަދު ދިޔަވަރު ބޮޑުވާ ގަޑިކަމަށްވާ 12:00 ކަންހާއިރު އަނެއްކާވެސް އެރަށަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ހުސެއިން ވިދާޅުވިއެވެ. ގޭގެއަށް ލޮނު ނުވަންނާނެހެން މިހާރު ވެލި ބަސްތާ ޖަހާފައިވާ ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.

ރޭ އުދައަރާފައި -- ސަން ފޮޓޯ: ކިޔުންތެރިއެއް

ގއ. ވިލިގިލީ ކައުންސިލްގެ ނައިބް ރައީސް ތަމްހީނު ހަސަން ވިދާޅުވީ ރޭ ފަތިހު އެރަށުގެ އެކި ދިމާލުން ފޫޓެއްހާ ހިސާބަށް އުދާގެ އަސަރުކޮށްފައިވާ ކަމަށާއި މާކަބޮޑަށް އުދަނާރާ ކަމަށެވެ.

ގދ. ގައްދޫ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ސުޖާއު ވިދާޅުވީ ރޭ އެންމެ ދިޔަވަރު ބޮޑުވި ގަޑިކަމަށްވާ 12:30 ކަންހާއިރު އެރަށަށް އުދާގެ އަސަރުކުރި ކަމަށާއި ނަމަވެސް މީހަކަށްވެސް ގެއަކަށްވެސް ގެއްލުމެއް ނުވާ ކަމަށެވެ.

ހަނދުކޭތައާ ގުޅިގެން ރާއްޖޭގެ އެކި ރަށްތަކަށް އުދައަރައިފާނެތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.