ރިޔާސީ ލޯންޗްކޮޅުގައި އިއްޔެ ހިނގި ހާދިސާގެ ތަހުގީގުގައި އެހީތެރިވުމަށް ސައުދީ އަރަބިއްޔާގެ ފޮރެންސިކް ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

ފުލުހުން ބުނީ، ސައުދީ އަރަބިއްޔާގެ ނުވަ މީހުންގެ މައްޗަށް އެކުލެވޭ ފޮރެންސިކް ޓީމް ރޭ ދަންވަރު 1:30ގައި ރާއްޖެ އައިސްފައިވާ ކަމަށެވެ. އެ ޓީމަށް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ އޭޖެންޓަކު އިއްޔެ ވަނީ ރާއްޖެ އައިސްފަ އެވެ.

ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އިއްޔެ ވިދާޅުވެފައި ވަނީ، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހިންގާ ތަޙުޤީޤުގައި އެމެރިކާގެ އެފްބީއައިގެ އިތުރުން އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސްގެ އެހީތެރިކަމަށް ވެސް އެދިފައިވާ ކަމަށެވެ. ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުން ގެންދާ ކަމަށް ހަމްދޫން ވިދާޅުވި އެވެ.