29 Sep 2015, 03:11
އެސިސްޓެންޓު އެޓާނީ ޖެނަރަލް އިސްމާއިލް ވިޝާމް އާއި އޭނާގެ އަނބިކަނބަލުން އަދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ ހަނާ ވަހީދު މަސްތުވާތަކެއްޗާއެކު މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިރޭ 11:30 ހާއިރު މ. ހަނީ ޑިއު ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއި ބިއަރު ދަޅުތަކަކާ އެކު ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުންގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ނަމަވެސް ސަންއަށް އެނގިފައިވާ ގޮތުގައި ހައްޔަރު ކުރި ދެ މީހުންނަކީ ވިޝާމް އާއި އޭނާގެ އަނބިކަނބަލުން ހަނާ އެވެ.
ވިޝާމް އޭޖީ އޮފީހުގެ މަސައްކަތަށް ނުކުންނެވުމުގެ ކުރީގައި އޭނާ ވަނީ ސުއޫދު އަންވަރު އެންޑް ކޯ ލޯ ފާމުގައި މަސައްކަތް ކުރައްވާފަ އެވެ. އަދި އޭގެ ކުރިން އޭނާ ވަނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރުގެ އެވަންޓް ގާޑު ލޯފާމުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.
ވިޝާމަކީ ޖިނާއީ ބޮޑެތި މައްސަލަތުގައި ކޯޓުގައި ވަކާލާތު ކުރައްވާފައިވާ ލޯޔަރެކެވެ. އޭނާއަކީ ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މެނޭޖަރަކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.