29 Sep 2015, 09:27
ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ"ގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގަށް އެ ލޯންޗުގެ ކުރޫއިން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އެ މީހުން ފުލުހަށް ހާޒިރުކޮށް، ބަޔާން ނަގައި ނިންމާފައި ވަނީ ރޭ ދަންވަރު 12 ޖެހި ފަހުންނެވެ. ފިނިފެންމާ ލޯންޗުގެ ފަސް ކުރޫ އިން ފުލުސް އޮފީހަށް ހާޒިރު ކުރި ކަމަށްވެ އެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފިނިފެންމާ ލޯންޗުގައި ގޮވުމެއް ހިނގި ހާދިސާގެ ތަހުގީގަށް ފުލުހަށް ހާޒިރު ކުރަން ޖެހޭ ފަރާތްތައް ހާޒިރުކޮށް، ސުވާލު ކުރަމުންދާ ކަމަށެވެ.
ފިނިފެންމާ ލޯންޗުގެ ކުރޫއިން ފުލުހަށް ހާޒިރު ކުރިތޯ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ސީދާ ޖަވާބެއް ނުދެއްވި އެވެ.
ރިޔާސީ ލޯންޗުގެ ކުރޫ އިންނަކީ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ އާއްމު މުވައްޒަފުންނެވެ. އެ މީހުންނަކީ މިލިޓަރީ އެއްވެސް ތަމްރީނެއް ލިބިފައިވާ ބައެއް ނޫނެވެ. ހަމައެކަނި ކަނޑު އުޅަނދު އޮޕަރޭޓް ކުރުމަށް ހާއްސަވެފައިވާ ބައެކެވެ.
ހައްޖުގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަށް ވަޑައިގެން އިއްޔެ ހެނދުނު ހުޅުލެއިން މާލެއަށް ދަތުރުކުރައްވައި އިއްޒުންދީން ފަލަމާ ކައިރިކުރަން އުޅެނިކޮށް ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވާފައި ވަނީ އެ ސަރަހައްދުގައި ނޫސްވެރިން ވެސް ތިއްބަ އެވެ. ސައުދީ ދަތުރުފުޅާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް ރައީސް ނިންމަވާފައި ވަނިކޮށް، ލޯންޗުގައި ހިނގި ހާދިސާގައި ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމާއި ރައީސް އޮފީހުގެ މުވައްޒަފަކާއި ރައީސްގެ ބޮޑީގާޑަކަށް ވަނީ އަނިޔާވެފަ އެވެ.
އެ ހާދިސާގައި ރައީސްގެ އަނބިކަނބަލުންގެ މައިބަދައިގެ ހަތަރު ތަނެއްގައި ވަނީ ރެނދުލައިފަ އެވެ. އަދި މަދުވެގެން ތިން ހަފުތާ ވަރު ބެޑް ރެސްޓް ކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން ލަފާދެ އެވެ.