ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ އޭޖެންޓަކު ރާއްޖެ އަތުވެއްޖެ އެވެ.

ފުލުހުން ބުނީ މިރޭ 10:30 ގައި އެފްބީއައި އޭޖެންޓް ރާއްޖެ އައުމުން އޭނާއަށް އިބްރާހީމް ނާސިރު އިންޓާނޭޝަނަލް އެއާޕޯޓުން މަރުޙަބާ ކިޔާފައި ވަނީ ފުލުހުންގެ ސަބް އިންސްޕެކްޓަރު އުސާމަތު މުޙައްމަދެވެ.

ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު މިއަދު ވިދާޅުވެފައި ވަނީ، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހިންގާ ތަޙުޤީޤުގައި އެމެރިކާގެ އެފްބީއައިގެ އިތުރުން އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސް ގެ އެހީތެރިކަމަށް ވެސް އެދިފައިވާ ކަމަށެވެ. ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަޙުޤީޤު ކުރަމުން ގެންދާ ކަމަށް ހަމްދޫން ވިދާޅުވި އެވެ.

އެ މައްސަލައިގެ ތަޙުޤީޤުގައި ބައިވެރިވުމަށް ސައޫދީ އަރަބިޔާގެ ފޮރެންސިކް ޓީމެއް މިރޭގެ ވަގުތެއްގައި ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.