29 Sep 2015, 09:57
އާދީއްތަ ދުވަހުގެ ރޭ އޭބީސީ އިން ދެއްކި ސީރީޒްތަކުގެ ތެރެއިން ގިނަ ބަޔަކު ސިއްސުވާލި އެއް ސީރީޒަކީ ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ މުހިއްމު ރޯލަކުން ފެނިގެންދާ ސީރީޒް ކުއަންޓިކޯ އެވެ.
ކެރެކްޓާތަކުގެ "ޑައިވާސިޓީ"އަށް ބޮޑަށް ބަރޯސާވެ ތައްޔާރު ކުރަމުންދާ އެ ސީރީޒަކީ އެމެރިކާގައި ނަސްލުގެ ޑައިވާސިޓީއަށް އާ ނަޒަރަކުން އަލި އަޅުވާލާ ސީރީޒް އެކެވެ.
ސީރީޒްގެ ޕައިލެޓް ނުވަތަ ފުރަތަމަ އެޕިސޯޑުން ވަނީ ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު ރަނގަޅު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ކުއަންޓިކޯއަކީ އާދިއްތަ ދުވަހުގެ ރޭ އެޅުވި ޝޯތަކުގެ ތެރެއިން އޭބީސީން އެންމެ ވަރުގަދަ ރޭޓިންނެއް ނެރެފައިވާ ޝޯއެވެ.
އެގޮތުން އެރޭ ދެއްކި ޝޯތަކުގެ ތެރެއިން "ވަންސް އަޕޯން އަ ޓައިމް" އާއި އަލަށް ދައްކަން ފެށި ޝީރީޒް "ބްލަޑް އެންޑް އޮއިލް" އަށްވުރެ މަތިން ކުއަންޓިކޯ ވަނީ ރޭޓިން ހޯދާފައެވެ.
ކުއަންޓިކޯއަށް ވަނީ ފުރަތަމަ އެޕިސޯޑުގައި ހަމައެކަނި އެމެރިކާއިން ވެސް 7.1 މިލިއަން ވިއުސް ލިބިފައެވެ. އަދި ވަންސް އަޕޯން އަ ޓައިމް އަށް 5.9 މިލިއަން ވިއުސް ލިބިފައިވާއިރު ބްލަޑް އެންޑް އޮއިލް އަށް ވަނީ 6.3 ވިއުސް ލިބިފައެވެ.
އެފްބީއައިގެ އާ ކްލާހުގެ ރިކްރޫޓުންގެ ވާހަކަތައް ދައްކުވައިދޭ ސީރީޒްގެ ފުރަތަމަ އެޕިސޯޑުގައި ސުވާލުތަކާއި "ޕަޒްލް"ތައް ގިނަ ކަމުން ސްކްރީނުން ލޯ އެއްފަރާތް ކޮށްލުމަކީ ވެސް އުނދަގޫ ކަމެކެވެ.
އެހެން ނަމަވެސް ކުއަންޓިކޯއިން ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަތީ "ޑައިވާސް" އަންހެނުންތަކެއް މުހިއްމު ކެރެކްޓަރުންގެ ގޮތުގައި ދެއްކުމުންނެވެ. ގިނަ ނަސްލުގެ އަންހެނުން ދެއްކުމާއެކު އެމީހުންނަށް ވަނީ ލޯބީގެ ވާހަކަތަކުގެ އިތުރުން ވަރުގަދަ ޕްލޮޓެއްވެސް ދީފައެވެ. އެއާއެކު އަންހެނުންނަށް ކޮންމެ ދުވަހަކުވެސް ދިމާވާ ތަފާތު ކުރުމުގެ މައްސަލަތަކުގެ މައްޗަށްވެސް ސީރީޒްގައި އަލިއަޅުވާލާފައިވެއެވެ.
ސީރީޒްގެ ޕައިލެޓް އެޕިސޯޑުން ފެނިގެންދަނީ ނިއު ޔޯކްގައި ހިނގާ ވަރުގަދަ ބޮމުގެ ހަމަލާއަކާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި، ޕްރިޔަންކާގެ ކެރެކްޓަރު އެލެކްސް ޕެރިޝް ތާށިވެފައިވަނިކޮށެވެ.
ހަނދާނަށް އަންނަ ވަރަކުން އެ ހާދިސާ ދިމާވާން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ހަމަލާ ދިން ކަމުގެ ތުހުމަތު އަޅުވަނީ އެލެކްސްގެ ބޮލުގައެވެ. ސީރީޒްގެ ފުރަތަމަ އެޕިސޯޑު ނިމެނީ އެ ހަމަލާގެ ފަހަތުގައި އާ ކްލާހުގެ ދަރިވަރަކުވާކަން ސާބިތުކޮށްދީ އެކަން ހޯދުމަށް އެލެކްސް އަޒުމް ކަނޑައެޅުމާއެކުގައެވެ.