އެމެރިކާގެ ނިއު ޔޯކްގައި ހުރި ސަލާމަތީ ކަންތައްތައް އެންމެ ވަރުގަދަ ޖަލުން މިދިޔަ ޖޫން މަހު ދެމީހަކު ފިލުމަށް އެހީތެރިވި ކަމަށް ނިންމައި އެޖަލުގެ މުވައްޒަފެއްގެ ގޮތުގައި އޭރު ހުރި ޖޯއިސް މިޗެލްގެ މައްޗަށް ދެ އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެއް ކޯޓުން އިއްވައިފި އެވެ.

ރިޗާޑް މޭޓް ނަމަކަށް ކިޔާ މީހަކާއި ޑޭވިޑް ސްވެޓް ނަކަމަށް ކިޔާ މީހަކު ފިލުމަށް އެހީތެރިވި ކަމަށް 51 އަހަރުގެ އަންހެނެއް ކަމަށްވާ މިޗެލް ވަނީ މިދިޔަ ޖުލައި މަހުގައި އިއުތިރާފް ވެފައެވެ.

އެ ދެމީހުން ފިލުމަށް އެހީތެރިވި މިޗެލްގެ އެއްބަސްވުމާއެކު އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް ޖުމުލަ ހަތް އަހަރުގެ މުއްދަތު އިތުރުކުރެވިދާނެ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

"އަހަރެންނަށް މިހާރު 51 އަހަރު. މިއީ [ދެމީހުން ފިލަން އެހީތެރިވުން] އަހަރެންގެ ހަޔާތުގައި ވެސް ކުރެވުނު އެންމެ ބޮޑު ގޯސް ކަންތައް. ކޮންމެ ދުވަަހަކުވެސް އެ ކުރެވުނު ކުށާއެކު އަހަރެން އުޅޭނަން،" ކުރެވުނު ކުށުގެ ބޮޑުމިނާ މެދު ވާހަކަ ދައްކަމުން ފެންކަޅިވެ ހުރެ މިޗެލް ބުންޏެވެ.

އެންބީސީގެ "ޓުޑޭ ޝޯ"އަށް ދިން އިންޓަވިއު އެއްގައި މިޗެލް ބުނީ، އެމީހުންނަށް އެހީތެރިވާން މަޖުބޫރުވީ އެމީހުން އޭނާގެ އިމޯޝަނަލް "އިންސްޓެބިލިޓީ" ނާޖައިޒުގޮތުގައި ބޭނުންކޮށް ބިރު ދެއްކުމުން ކަމަށެވެ.

ނިއު ޔޯކްގައި ހުންނަ ކްލިންޓަން ކަރެކްޝަނަލް ފެސިލިޓީ ނަމަކަށް ކިޔާ ޖަލުން މިދިޔަ ޖޫންމަހު ފިލި ދެމީހުންގެ ތެރެއިން ރިޗަޑް މޭޓް ވަނީ ފުލުހުން އޭނާ ހުއްޓުވުމަށް ދިން ބަޑީގެ ހަމަލާއެއްގައި މަރުވެފައެވެ. އަދި ޑޭވިޑް ވަނީ ހައްޔަރުކޮށްގެން އަލުން ޖަލަކަށް ގެންގޮސްފައެވެ.

ޖަލުން ފިލި އިރު ރިޗަޑް ދިޔައީ 2002 ވަނަ އަހަރު ފުލުހަކު މަރާލުމުގެ ކުށް ސާބިތުވެ، ޕެރޯލަކާ ނުލައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި ޑޭވިޑް ދިޔައީ އޭނާގެ ކުރީގެ ވެރިމީހާ މަރާލިކަމުގެ ކުށުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.