ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން އުޅޭ ފިލްމެއްނަމަ އެކްޝަންގެ ބައި މަދެއް ނުވާނެ އެވެ. އެގޮތުން އޭނާގެ ކުރިއަށް އޮތް ފިލްމު، "ސުލްތާން" އަކީ އާދައިގެ ފިލްމެއް ނޫނެވެ.

އަލީ އައްބާސް ޒަފަރް ޑައިރެކްޓްކުރާ އެ ފިލްމުގައި ސަލްމާން އަދާކުރާނީ 40 އަހަރުގެ ރެސްލިންތަޅާ މީހެއްގެ ބައެވެ. އެކަމަށް ތައްޔާރުވުމަށް ސަލްމާން މިހާރު ވަނީ ފަރިތަކުރުންތަކެއް ވެސް ފަށައިފައެވެ.

ޑައިރެކްޓަރު އައްބާސް ވަނީ ސަލްމާންގެ ފަރިތަކުރުންތަކުގެ ފޮޓޯއެއް އިއްޔެ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ.

އެ ފޮޓޯގައި ހޮލީވުޑްގެ "ހަންގާ ގޭމްސް" ގައި ވެސް މަސައްކަތްކޮށްފައިވާ ފައިޓް ކޮރެއޮގްރަފަރެއް އަދި ސްޓަންޓު ހަދާ މީހެއް ކަމަށްވާ ލާނެލް ސްޓޯވަލް އާއެކު ސަލްމާން ފަރިތަކުރުންތައް ކުރިއަށްގެންދާތަން ފެނެއެވެ.

ފިލްމު "ސުލްތާން" ގައި ސަލްމާން އަދާކުރަންޖެހޭ ސުލްތާން އަލީ ޚާންގެ ރޯލަށް ރަނގަޅަށް ތައްޔާރުވުމަށް ދެ މަސް ވަންދެން ކޮންމެ ދުވަހަކު ހަތަރު ގަޑިއިރު ފަރިތަކުރަންޖެހެ އެވެ.

އެ ފިލްމުގައި ސަލްމާން އާއެކު ދެ ބަތަލާއެއް ފެނިގެންދާނެ ކަމަށް ބެލެވޭއިރު، ބަތަލާއިންގެ ރޯލު ކުޅޭ ތަރިން އަދި ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް ފިލްމުގައި ސަލްމާންގެ މަންމައެއްގެ ރޯލު އަދާކުރާނީ ރޭކާ އެވެ.

ފިލްމު "ސުލްތާން" ރިލީޒް ކުރަން ހަމަޖެހިފައިވަނީ، ޝާހްރުކް ޚާންގެ "ރައީސް" ވެސް ރިލީޒްކުރަން ޝެޑިއުލްކޮށްފައިވާ ތާރީހު ކަމަށްވާ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.