28 Sep 2015, 23:02
ހަވީރު ރާއްޖެ އަންނަން އޮތް ދިވެހި ހައްޖުވެރިންގެ ފުރަތަމަ ބެޗުގެ ފްލައިޓް މިރޭ 10:45 ގައި ޖައްސާގޮތަށް ލަސްވީ ޖިއްދާ އެއާޕޯޓްގެ ޗެކިން ސިސްޓަމް ފެއިލްވުމާ ގުޅިގެން ކަމަށް މެގަ މޯލްޑިވްސް އިން ބުނެފި އެވެ.
މެގަ މޯލްޑިވްސް މިއަދު މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޖިއްދާގެ ކިންގް އަބްދުލް އަޒީޒު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޯޓުތައް ފުރުން ލަސްވެގެން ގޮސްފައިވަނީ ޗެކިން ސިސްޓަމް ފެއިލްވެ ޗެކިން ބެލްޓް ހުއްޓުމާ ގުޅިގެން ކަމަށެވެ.
ހައްޖުވެރިން ގެނައުމަށް އެ އެއާލައިންގެ ދާން ހަމަޖެހިފައިވާ އެއާލައިން LV2210 ޖިއްދާއަށް ޖެއްސީ މިއަދު ހަވީރު 5:52 ގައި ކަމަށްވެސް މެގަ މޯލްޑިވްސް އިން ބުންޏެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންގެ ތެރެއިން ފުރަތަމަ ގްރޫޕްގައި ހިމެނެނީ 300 މީހުނެވެ. އެމީހުން އަންނަން ހަމަޖެހިފައި އޮތީ މިއަދު ހަވީރު 03:30 ގަ އެވެ. އަދި އޭގެ ފަހުން ފްލައިޓް ވަނީ މިރޭ 10:45 އަށް ލަސްވެފަ އެވެ.
މިއަރު ރާއްޖެއިން ހައްޖަށް ދިޔަ 1766 މީހަކު މެގަ މޯލްޑިވްސްއިން ދަތުރުކުރި އިރު، އެ އެއާލައިނުން ވަނީ، އެކަމަށް ހާއްސަކޮށްގެން 6 ފްލައިޓެއް ޗާޓަރުކޮށްފައެވެ.
ހައްޖަށް ދިޔަ 1،766 މީހުންގެ ތެރެއިން 1،300 މީހަކީ ހައްޖު ކޯޕަރޭޝަންގެ ފަރާތުން ދިޔަ މީހުންނެވެ.