މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރުމާ ފެނިގެންދާ ފުރަތަމަ ފިލްމު، "ކިސް ކިސްކޯ ޕިޔާރް ކަރޭ" އަށް ބެލުންތެރިންގެ ތަރުހީބު ލިބި، ފުރަތަމަ ހަފްތާ ބަންދުގައި 28.81 ކުރޯޑް ރުޕީސް ލިބިއްޖެ އެވެ.

އައްބާސް މަސްތާން ޑައިރެކްޓްކޮށްފައިވާ ލޯބީގެ މަޖާ އެ ފިލްމު ރިލީޒްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު، އީދާ ގުޅުވައިގެންނެވެ. އެދުވަހު އެކަނި ވެސް އެ ފިލްމަށް ވަނީ 10.15 ކުރޯޑް ރުޕީސް ލިބި، ފެށުން ރަނގަޅު ކޮށްފައެވެ.

ހަފްތާ ބަންދުގައި އެ ފިލްމަށް ލިބުނު އާމްދަނީ އާއެކު އެ ފިލްމު ވަނީ، އަލަށް ތަރިއަކު ފެނިގެންދާ ފިލްމުތަކުގެ ތެރެއިން ބޮޑު އާމްދަނީ އެއް ހޯދި ފިލްމުތަކުގެ ލިސްޓުން ޖާގައެއްވެސް ހޯދާފައެވެ.

ކަލާޒް ޗެނަލް އިން ދައްކާ ކޮމެޑީ ޝޯ، "ކޮމެޑީ ނައިޓްސް ވިތު ކަޕިލް" އެ މީހަކަށް ނިސްބަތްވާ ކަޕިލްގެ އިތުރުން އެ ފިލްމުން އެލީ އާވްރާމް، މަންޖަރީ ފަޑްނިސް، ސިމްރަން ކޯރް މުންޑީ އަދި ސައި ލޯކަރް ފެނިގެންދާއިރު، ވަރޫން ޝަރުމާ އާއި އަރްބާޒް ޚާން ވެސް ފިލްމުގެ ތަރިންގެ ތެރޭގައި ހިމެނެ އެވެ.