މާސްގެ ކްރޭޓާ ފާރުތަކާއި ކެންޔަންތަކުގެ މަތިން ފެން ފައިބާ ކަން ކަށަވަރުކުރެވޭ ހެކިތަކެއް ފެނިއްޖެ ކަމަށް ނޭޝަނަލް އެއިރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން ބުނެފިއެވެ.

ނާސާގެ ރިސާޗަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ މާސް ރިކޮނެއިސެންސް އޯބިޓާ އިން އެންމެ ފަހުން ނަގާފައިވާ ފޮޓޯތަކަކުން އެ ޕްލެނެޓްގައި ފެން ހުރިކަން ކަށަވަރު ވެފައިވާ ކަމަށެވެ.

އޯބިޓާ އިން ދެއްކި ގޮތުގައި މާސްގައި ހުންނަ ބޮޑެތި ފަރުބަދަ ފަދަ ތަކެތީގެ މަތީ ސަރަހައްދުގެ ކުލަ މޫސުމީ ގޮތަކަށް ގަދަވާ ކަމަށް ނާސާއިން ބުންޏެވެ.

ނާސާއިން ބުނި ގޮތުގައި ހޫނު މޫސުމުގައި ކުލަ ގަދަ ވަނީ ފަރުބަދައިގެ މަތީ ހިސާބުން ފެން ފައިބާތީ ކަމަށެވެ. އޭގެ ސަބަބުން ފަރުބަދައިގައި ފެން ޖެހިފައިވާ ސަރަހައްދުތައް ކުލަ ގަދަ ކަމަށް ދައްކައެވެ.

މާސްގެ ޕޯލްތަކުގައި ގަނޑުވެފައި ފެން ހުރި ވާހަކަތަކަކީ މީގެ ކުރިން ވެސް ސައިންޓިސްޓުން އެކި ތިއަރީތަކުން ހާމަކޮށްފައިވާ ކަންތައްތަކެވެ.

މާސްގައި ފެން އުފެދޭ ކަން ކަށަވަރު ކޮށްފައިވަނީ ފަރުބަދައިގެ މަތިން ގަނޑު ވިރިގެން ފެން ފައިބާ މަންޒަރުތަކެއް ލިބުމާ އެކުގައި--- ފޮޓޯ: ނާސާ

މާސްގެ ފިނި ހޫނުމިން ދުނިޔެއަށްވުރެ ފިނި ވުމާ ގުޅިގެން ރޭގަނޑުގެ ވަގުތުތަކުގައި އެ ޕްލެނެޓުގެ މަތީ ފަށަލައިގައި ބައެއް ސަރަހައްދުތަކުގައި ފެން ގަނޑުވެފައި ހުރެއެވެ. އެހެން ކަމުން ރޭގަނޑުގެ ވަގުތުގައި އޯބިޓާ ނަގާފައިވާ ފޮޓޯތަކުން ފެން ކޯރުތައް ފެންނަ ކަމަކީވެސް ކުރިން ދެކެވުނު ވާހަކަތަކެވެ.

"ރިކަރިން ސްލޯޕް ލީނޭ" ނުވަތަ މާސްގެ އުސް ސަރަހައްދުތަކުން ލޮނުފެން ފޭބުމަކީ މޫސުމީކޮށް ވަމުން އަންނަ ކަމެއް ކަމަށް ރީސާޗަރުން ވަނީ ކަށަވަރުކޮށްދީފަ އެވެ. މާސްގައި ފެނުގައި ލޮނު ހުރުމަކީ މުހިއްމު ކަމެއް ކަމަށް ނާސާ އިން ވަނީ ބުނެފައެވެ. އެހެން ނޫން ނަމަ ފެން ގަނޑުވާއިރު އޭގެ ފިނި ހޫނުމިން "ބިރު ގަންނަ" ވަރަށް ދަށަށް ދާނެ ކަމަށް ނާސާ އިން ވަނީ ބުނެފައެވެ.

މާސްއިން އެންމެ ފަހުން ފެނުނު ހޯދުންތައް ދިރާސާ ކުރަމުން ދިޔަ ފަރާތްތަކުން ނެރުނު ލިޔުމެއްގައި ފެން އުފެދިގެން އަންނަ ގޮތްތަކެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފެން އުފެދެން މެދުވެެރި ވެދާނެ ސަބަބުތައް އެ ލިޔުމުގައި ސައިންޓިސްޓުން ވަނީ ހާމަކޮށްފައެވެ. އޭގެތެރޭގައި މާސްގެ މަތީ ފަށަލައިގައި އުފެދިފައި ހުރި އައިސްތައް ވިރުމާއި އެކުއިފާ އަކުން ފެން އެރުމެވެ. އޭގެ އިތުރުން ޕްލެނެޓުގެ ވެލީގައި ހިމެނޭ ލޮނުތައް އެ ވެލީގައި ހުރި ފެންތައް ދެމުމަކީ ވެސް ފެން އުފެދުމުގެ ސަބަބަކަށް ވެދާނެ ކަމަށް ސައިންޓިސްޓުން ވަނީ ބުނެފައެވެ.

މާޗު މަހުގައި ނާސާއިން ބުނީ މާސްގައި މީގެ ކުރިން ދުނިޔޭގެ އެޓްލާންޓިކް އޯޝަންގައި ފެން ހުންނަ ވަރަށް ހުރި ކަމަށެވެ. ނަމަވެސް އެ ފެނުގެ 87 ޕަސެންޓުވަނީ ސްޕޭސްގެ ތެރެއަށް ހުސްވެފައި ނުވަތަ ގެއްލިފައި ކަމަށްވެސް ނާސާއިން ވަނީ ބުނެފައެވެ.