ރިޔާސީ ލޯންޗު "ފިނިފެންމާ"ގައި މިއަދު ހެނދުނު އެއްޗެއް ގޮވި ހާދިސާއަކީ ބަޔަކު ރާވައިގެން ހިންގި ހަމަލާއެކޭ ބުނެފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.

"ސީއެންއެން"އަށް މުންދު ދެއްވި އިންޓަވިއުއަކާ ހަވާލާދީ ރާއްޖޭ ބައެއް މީޑިއާތަކުން ފަތުރަމުންދާ ހަބަރާ ގުޅިގެން "ސަން" އިން ސުވާލު ކުރުމުން ކޮލަންބޯގައި ހުންނެވި މުންދު ވިދާޅުވީ ރިޔާސީ ލޯންޗަށް ދިން ހަމަލާއަކީ ބަޔަކު ރާވައިގެން ދިން ހަމަލާއެއް ކަމަށް ބެލެވޭނެ ޖާގައެއް އޮތް ކަމަށް ބުނެފައި ނުވާނެ ކަމަށެވެ.

ލޯންޗުގައި އެއްޗެއް ގޮވަން ދިމާވުމުގެ ފަހަތުގައި "ފައުލް ޕްލޭ"އެއް ވުން އެކަށީގެންވާ ކަމަށް މުންދު ވިދާޅުވި ކަމަށް ސީއެންއެންގައި ރިޕޯޓްކޮށްފައިވެ އެވެ.

"ތިބޭފުޅުން ވެސް ގަބޫލު ކުރައްވާނެ މި ހިނގައިދިޔަ ހާދިސާއަށް ބަލާއިރު، އެއްވެސް ކަމަކީ ނުވާނެ ކަމެއް ކަމަށް ނުބުނެވޭނެ. އަދި މިކަން ހިނގާފައި މި ވަނީ ވަކި ގޮތަކަށޭ އަދި މިހާ ހިސާބަކުން ނުވެސް ބުނެވޭނެ،،" ރިޔާސީ ލޯންޗުގައި ހިނގި ހާދިސާ ބޭރުގެ ފަރާތްތަކަށް ހިއްސާ ކުރެއްވުމަށް ލަންކާއަށް ވަޑައިގެންނެވި މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވި ކަމަށް ސީއެންއެންގައި ބުނެފައި ވަނީ ލޯންޗުގައި އެއްޗެއް ގޮވުމުގެ ފަހަތުގައި މެކޭނިކަލް މައްސަލައެއް އޮތުމަކީ ފުރުސަތު ކުޑަ ކަމެއް ކަމަށެވެ.

މުންދު ވިދާޅުވީ އޭނާ އެހެން ވިދާޅުވެފައި ވަނީ އެފަދަ އުޅަނދުތަކަކީ ބަރާބަރަށް މަރާމާރުކޮށް ބަލަހައްޓަމުންދާ އުޅަނދުތަކަކަށް ވާތީ އެފަދަ ހާދިސާއެއް ހިނގުމުގެ ފުރުސަތު ކުޑަކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

ރިޔާސީ ލޯންޗުކޮޅުގައި މިއަދު ހެނދުނު ހިނގި ހާދިސާގައި ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ މައިބަދައިގެ ހަތަރު ތަނެއްގައި ވަނީ ރެނދުލާފަ އެވެ. އަދި ރައީސް އޮފީހުގެ މުވައްޒަފަކާއި ރައީސްގެ ބޮޑީގާޑަކަށް ވަނީ އަނިޔާވެފަ އެވެ.

ހައްޖުގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަށް ވަޑައިގެން މިއަދު ހެނދުނު މާލެ އަށް ދަތުރުކުރައްވަނިކޮށް، ހިނގި ހާދިސާ ތަހުގީގު ކުރުމަށް އެމެރިކާ، އާއި އޮސްޓްރޭލިއާގެ އެހީތެރިކަމަށް ސަރުކާރުން ވަނީ އެދިފަ އެވެ.