28 Sep 2015, 21:12
ޓްރެކް ސަރަހައްދުން ދެ ފަތުރުވެރިއެއްގެ އަތުން 10،000 ޑޮލަރަށްވުރެ އަގުބޮޑު ތަކެތި ވަގަށް ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައި ވަނީ އެ ތަކެތި ވަގަށް ނެގިކަމުގެ މަޢުލޫމާތު ފުލުހުންނަށް ހުށަހެޅުމާއެކު ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ފުލުހުން ކުރި މަސައްކަތުން 48 ގަޑިއރު ތެރޭގައި އެތަކެތި ހޯދައި އެތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެތަކެތި ވަގަށް ނަގާފައި ވަނީ މާލޭ އިރު ދެކުނު ފަރާތު ޓްރެކް ސަރަހައްދުގައި އެތަކެތި ބެހެއްޓުމަށްފަހު ފަތުރުވެރިން މޫދަށް އެރިއުޅެނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ފަތުރުވެރިން އަތުން ވަގަށް ނަގާފައި ވަނީ 5،000 އެމެރިކާ ޑޮލަރުގެ އަގުކުރެވޭ ފޮޓޯ ކެމެރާއަކާއި ޖުމްލަ 6،000 ޑޮލަރުގެ އަގުހުރި ތިން ލެންސެއް ކަމަށެވެ. ވައްކަން ކުރިމީހާ ވަނީ ދެމީހުންގެ ޕާސްޕޯޓާ ބެންކު ކާޑުތަކާ އެހެނިހެން ބައެއް ލިޔެކިޔުންތައްވެސް ވަގަށް ނަގާފައި ކަމަށް ފުލުހުން ބުންޏެވެ.