28 Sep 2015, 17:57
ރިޔާސީ ލޯންޗު "ފިނިފެންމާ" ލޯންޗުގައި މިއަދު ހެނދުނު އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ކުރިމަގަށް ވިސްނައި ސަލާމަތީ ގޮތުން ކަންތައްތައް ހަރުދަނާކޮށް ވަރުގަދަ ކުރުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ގޮވާލައްވައިފި އެވެ.
މަސީހު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅު ކުރައްވަމުން ގެންދެވި ލޯންޗުކޮޅުގައި ނުރައްކާތެރި ހާދިސާ ހިނގީ، ކީއްވެގެންތޯ ބެލުމަށް ފުރިހަމަ ތަހުގީގެއް ހިންގަންޖެހޭ ކަމަށެވެ. އަދި އިތުރަށް އަޅަން ޖެހެނީ ކޮން ފިޔަވަޅުތަކެއްތޯ ބަލައި އެ ފިޔަވަޅުތައް ވެސް އެޅުމަށް މަސީހު ވަނީ ގޮވާލައްވާފަ އެވެ.
"ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރައްވަމުން ގެންދެވި ލޯންޗުކޮޅުގައި ހިނގި، މި ނުރައްކާތެރި ހާދިސާ ހިނގީ، ކީއްވެގެންތޯ ބެލުމަށްޓަކައި ފުރިހަމަ ތަހުގީގެއް ހިންގަންޖެހެ އެވެ. އަދި ކުރިމަގަށް ވިސްނައި ސަލާމަތީ ގޮތުން ކަންތައްތައް ހަރުދަނާކޮށް ވަރުގަދަ ކުރަންޖެހެ އެވެ. އަދި އިތުރަަށް އަޅަންޖެހެނީ ކޮން ފިޔަވަޅުތަކެއްތޯ ބަލައި އެ ފިޔަވަޅުތައް އަޅަންޖެހެ އެވެ،" މަސީހު ނެރުއްވި ބަޔާނުގައިވެ އެވެ.
އޭނާ ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ކަންބޮޑުވުމަކާއި ނުތަނަވަސްކަމެއް ލިބިފައިވާ ކަމަށެވެ.
ރިޔާސީ ލޯންޗުކޮޅުގައި މިއަދު ހިނގި ހާދިސާގައި ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ މައިބަދައިގެ ހަތަރު ތަނެއްގައި ވަނީ ރެނދުލާފަ އެވެ. އަދި ރައީސް އޮފީހުގެ މުވައްޒަފަކާއި ރައީސް ޔާމީންގެ ބޮޑީގާޑަކަށް އެ ހާދިސާގައި ވަނީ އަނިޔާވެފަ އެވެ.
ހައްޖުގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަށް ވަޑައިގެން މިއަދު ހެނދުނު މާލެ އަށް ދަތުރުކުރައްވަނިކޮށް، ހިނގި ހާދިސާ ތަހުގީގު ކުރުމަާށް އެމެރިކާ، އާއި އޮސްޓްރޭލިއާގެ އެހީތެރިކަމަށް ވަނީ އެދިފަ އެވެ.