މިފްކޯގެ ހަރަދުކުޑަކުރުމަށް ގއ. ކޫއްޑޫ މަސްކާރުހާނާގެ މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމެއް ހޫނުވުމާ ގުޅިގެން މެނޭޖިން ޑިރެކްޓަރގެ އިސްތިއުފާއަށް ގޮވާލާ އަނެއްކާވެސް ކުއްޑޫގެ މުވައްޒަފުން މުޒާހަރާކޮށްފި އެވެ.


ކުއްޑޫގެ މަސް ކާރުހާނާގެ މުވައްޒަފަކު މިއަދު ބުނީ މިއަދު އަނެއްކާވެސް މުޒާހަރާ ފެށީ ހަރަދު ކުޑަކުރުމަށް މިފްކޯ އިން ކުރިއަށް ގެންދާ ކަންކަމުގައި ހަރުދަނާ ގޮތްތަކެއް ކަނޑައެޅިފައި ނެތުމުން، ކޫއްޑޫގެ މުވައްޒަފުންގެ ދިހަ ވަރަކަށް މީހަކާއެކު މެނޭޖްމަންޓްގެ ފަރާތުން ބޭއްވި ބައްދަލުވުމެއްގައި އެ ކުންފުނީގެ އެމްޑީ އަލީ ފާއިޒު ވެސް ފޯން ކޮންފަރެންސް އަކުން ބައިވެރިވެވަޑައިގެން އެ ބައްދަލުވުމުގައި ކޫއްޑޫގެ މުވައްޒަފުންތަކެއް ހުށަހެޅި ކަންތައްތަކާ އެމްޑީ ކަނޑައެޅިގެން އިންކާރުކުރައްވައި، އެ ކަންތައްތައް ނުކުރެވޭނެ ކަމަށް ވިދާޅުވުމުން ކަމަށެވެ. އޭނާ ބުނީ ކޫއްޑޫގެ މުވައްޒަފުން އެމްޑީ އަރިހުން އެދުނީ ލިއެޒަން އޮފިސަރުންގެ ނަމުގައި ވަޒީފާ ދީފައި ބައިތިއްބާފައި ތިބި މީހުން ވަކިކޮށްގެން ހަރަދުތައް ކުޑަކުރުން މާރަނގަޅުވާނެ ކަމަށް ކަމަށާއި ނަމަވެސް އެމްޑީ އެމީހުން ބައިތިއްބަވާނެ ކަމަށް ވިދާޅުވުމުން، އެއީ ސިޔާސީ މަގާމުތަކެއް ކަމަށްވެސް މުވައްޒަފުން ދެކެމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ.


މިފްކޯގެ ހަރަދު ކުޑަކުރުމަށް މުވައްޒަފުނާ މެދު އަޅަމުންގެންދާ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހިގެން އެތަނުގެ މުވައްޒިފުން އެންމެ ފުރަތަމަ މުޒާހަރާކުރަން ފެށީ މިދިޔަ ހުކުރު ދުވަހެވެ. ނަމަވެސް މިއަދު އަނެއްކާވެސް މުޒާހަރާ ފަށައިފައި ވަނީ އެމައްސަލަ ހޮނިހިރު ދުވަހު ހައްލުކޮށްދީފައި ވަނިކޮށެވެ.


މިފްކޯގެ މީޑިއާ ކޯޑިނޭޓަރު ފޯން ނިއްވާލާފައި އޮތުމުގެ ސަބަބުން މިކަމާ ގުޅިގެންމިފްކޯގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.