28 Sep 2015, 17:24
އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ދެ މެޗް މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓްގައި ކުޅުމަށް ހަމަޖެހިފައިވާ މި ދެ މެޗްގެ ތެރެއިން ފުރަތަމަ މެޗްގައި މިރޭ ހަތެއް ޖަހާއިރު ޓީރެކްސް އާއި ހަރިކޭން ބީސީ ނިކުންނައިރު މިރޭ 9:30 ގައި ދެވަނަ މެޗުގައި ވާދަކުރާނީ ރެޑްލައިން ކްލަބާއި ޔޫއެން ފްރެންޑްސް އެވެ.
މި މަހު ނުވައެއްގައި ފެށި މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި ޖުމްލަ 15 ޓީމް ވަނީ ބައިވެރި ވެފައެވެ. މި 15 ޓީމް ވަނީ ހަތަރު ގްރޫޕަކަށް ބަހައިފަ އެވެ.
ގްރޫޕް އެކެއްގައި ހިމެނެނީ ދަ ބައުސް، އެލްކިއު ސްޕޯޓްސް، މިިދިޔަ އަހަރުގެ ރަނަރަޕް ޓީރެކްސް އަދި ކުޑަހެންވެއިރު އެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ސްޓިންގާސް ބީސީ، އޮއްފު އެފްސީ، ހަރިކޭން ބީސީ، ހުޅުމާލެ ޑީސީ އެވެ.
ގްރޫޕް ތިނެއްގައި އޮތީ ސިފައިންގެ ކްލަބާއި ޔޫތު އެލަޔަންސް، އެންމެ ފަހުގެ ޗެމްޕިއަން ރެޑްލައިން ކްލަބް އަދި އެމްއެސްއެޗްއެސްއޭ އެވެ. އަދި ހަތަރު ވަނަ ގްރޫޕްގައި އޮތީ ޔޫއެން ފްރެންޑްސް އާއި އެލްޓީ ސްޕޯޓްސް އަދި ވިޔަންސާ އެވެ.
ރެޑްލައިން ސެމީން ޖާގަ ހޯދީ އިއްޔެ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ދަ ބައުސް އަތުން 105-60 ޕޮއިންޓުން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޑްލައިން ކްލަބަށް 23 ޕޮއިންޓް އެއްކޮށްދިން އަހުމަދު އަފްސަން ރަޝާދެވެ. އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 27 ޕޮއިންޓާ އެކު މުހައްމަދު ޒިލާލެވެ.
ޔޫއެން ފްރެންޑްސް ސެމީ އަށް ދިޔައީ ސްޓިންގާސް ބީސީ އަތުން 73-57 ޕޮއިންޓުން މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޓިންގާސް އަށް 27 ޕޮއިންޓް އެއްކޮށްދިން ރިޝްފާން ރަޝީދެވެ. ޔޫއެން ފްރެންޑްސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 20 ޕޮއިންޓާ އެކު އިބްރާހިމް ނަސީމެވެ.