އަންކާރާ، ތުރުކީ - ތުރުކީގައި ވަކިވެގަނެގެން އުޅޭ ކުރުދީ ހަނގުރާމަވެރީން އެގައުމުގެ ފުލުހުނަށް ދިން ރޮކެޓް ހަމަލާއެއް އަމާޒުން ކައްސާލައިގެން ގޮސް ގެއަކަށް އަމާޒުވެ އެގޭގައި އުޅުނު ނުވަ އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެ އެވެ.

ތުރުކީ ފުލުހުންގެ ބަޔާނެއްގައި ބުނެފައި ވަނީ، ހުކުރު ދުވަހު އެގައުމުގެ އިރުދެކުނުގައިވާ ކުރުދީންގެ ޓައުނެއް ކަމަށްވާ ބިސްމިލްގައި ފުލުހުންގެ އުޅަނދަކަށް އަމާޒުކޮށް، ކުރުދިޝް ވޯކާސް ޕާޓީ (ޕީކޭކޭ)ގެ ހަނގުރާމަވެރީން ދިން ރޮކެޓް ހަމަލާއެއް އަމާޒުވީ ގެއަކަށް ކަމަށެވެ. އަދި އެ ހަމަލާގައި އުމުރުން 9 އަހަރުގެ އެލިފް ސިމްސެކް މަރުވެފައިވާ އިރު، އިތުރުން ފަސް މީހަކު ޒަޚަމްވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ކުރުދީ ހަނގުރާމަވެރީންގެ ބައެއް ކަމަށް ޝައްކުކުރެވޭ ބަޔަކު މިއަދު ވަނީ، ބިތަލީސްގެ މަގެއްގެ މަތީގައި ތުރުކީ އަސްކަރީ ވެހިކަލަކަށް އަމާޒުކޮށް ބޮމެއް ފަދަ އެއްޗެއް ގޮއްވާލައިފައެވެ. އެ ހަމަލާގައި ސިފައިންގެ 20 މީހަކަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށް ދޮގާން ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައި ވެއެވެ.

ތުރުކީގެ ސަލާމަތީ ބާރުތަކާއި ކުރުދީންނާ ދެމެދު ކުރިމަތިލުންތައް ފެށިފައި މިވަނީ، ތެފަރާތުގެ ދެމެދުގައި ދެކެވެމުން ދިޔަ ސުލްހައިގެ ވާހަކަތައް ނާކާމިޔާބުވުމާ ގުޅިގެންނެވެ.