ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ މައިބަދައިގެ ހަތަރު ތަނެއްގައި ރެނދުލާފައިވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.

'ސަން' އެނގިފައިވާ ގޮތުގައި ފަސްޓް ލޭޑީ ފާތުންގެ މައިބަދާގައި ރެދުލީ އެއްޗެއް ގޮވުމާ އެކު އުފެދުނު ޕްރެޝަރާ އެއްކޮށް ލޯންޗްގެ ފަހުތުގައި ހުންނަ ބިއްލޫރި ގަނޑާއެއްކޮށް ވިއްސައިގެން ގޮސް އެކަމަނާ އިދިފުށަށް ވެއްޓުމުންނެވެ.

މުންދު ވިދާޅުވީ އެއްޗެއް ގޮވުމުގެ ހާދިސާގައި ރައީސްގެ ބޮޑީގާޑް އަބްދުއްނާސިރަށް ވަރަށް ބޮޑެތި އަނިޔާތައް ވެފައިވާ ކަަމަށެވެ. އެހެންނަމަވެސް އެ އަނިޔާތަކުގެ ތަފްސީލެއް ނުދެއްވެ އެވެ. އަބްދުއްނާސިރު ފުރަތަމަ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. އެހެންނަމެވެސް ފަހުން ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން ރައީސް އޮފީހުގެ ޕްރޮޓޮކޯލް ބޭފުޅެއް ކަމަށްވާ ފާތުމަތު ސާލިހުގެ އަތާއި ފައި ވަނީ ފިހިފައި ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ރެނދު ހުރީ "ސީދާ ސްޕައިނަލް ކޯޑްގައި ނޫން ކަމަށާއި ސްޕައިންއާ ގުޅިފައިވާ ހިސާބުގައި" ކަަމަށެވެ.

އަދި ދެތިން ހަފްތާގެ ބެޑް ރެސްޓް ނެންގެވުމުން ރަނގަޅުވާނެ ކަމަށް ޑޮކްޓަރު ވިދާޅުވި ކަަމަށް މުންދު ވިދާޅުވި އެވެ.

ތަހުގީގަށް ސައުދީ އާއި އިންޑިއާ އިން އެހީތެރިވަނީ

ރައީސްގެ ލޯންޗްކޮޅުގައި އަލިފާންރޯވި ހާދިސާ ތަހުގީގުގައި އެހީތެރިވުމަށް އެމެރިކާ، އޮސްޓްރޭލިއާގެ އިތުރުން ސައުދީއަރަބިއާ އަދި އިންޑިއާ އިން ވެސް ތަޖުރިބާކާރުން ފޮނުވާނެ ކަަމަށް މުންދު ވިދާޅުވި އެވެ. އަދި ސައުދީން އަންނަނީ ބޮޑު ޓީމެއް ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

އެ މައްސަލަ ދިވެހި ފުލުހުންނާއި އެމްއެންޑީއެފުން ދަނީ ތަހުގީގު ކުރަމުންނެވެ.