ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ދަތުރު ކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮވައި ރައީސްގެ އަނބިކަނބަލުންނަށް އަނިޔާވި މައްސަލައިގެ ތަހުގީގު އަވަސްކޮށް، އިހްމާލުވާ ފަރާތަކާ ދޭތެރޭ އަވަހަށް ފިޔަވަޅު އެޅުމަށް އެމްޑީއޭ އިން ގޮވާލައިފި އެވެ.

އެމްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި އާއިލާގެ ރައްކާތެރިކަން ޔަގީން ކުރުމަކީ ރައްޔިތުންގެ ވާޖިބެއް ކަމަށް އެޕާޓީން ދެކޭ ކަމަށެވެ.

"...ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުން އެއީ ދިވެހި އެންމެހާ ރައްޔިތުންގެ ވާޖިބެއްކަމުގައި ދެކޭތީ އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެއްވުމުގައި އެއްވެސް އުނިކަމެއް ނާންނާނެ ގޮތަކަށް އިންތިޒާމްތައް ހަމަޖައްސަވައި ދެއްވުމަށް ކަމާ ބެހޭ ފަރާތްތަކަށް މިޕާޓީން ގޮވާލަމެވެ،" އެމްޑީއޭގެ ބަޔާނުގައިވެ އެވެ.

މިއަދު ހިނގި ހާދިސާގެ ސަބަބުން ބޮޑު ކަންބޮޑުވުމަކާއި ނުތަނަވަސްކަމެއް ލިބިފައިވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަޙުމަދު ސިޔާމް މުޙައްމަދާއި އެ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ޢަލީ މަޢުރޫފާއި ބައެއް ވަޒީރުން ހައްޖުގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަށް ވަޑައިގެން މިއަދު ހެނދުނު މާލެ އަށް ދަތުރުކުރައްވަނިކޮށް ލޯންޗްގައި އެއްޗެއް ގޮވުމުގެ ސަބަބުން ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި ރައީސްގެ ބޮޑީ ގާޑަކަށް ވަނީ އެކިވަރުގެ އަނިޔާ ވެފަ އެވެ.