28 Sep 2015, 15:22
ޕެނަލްޓީ ޖަހައިގެން ޓީސީ ސްޕޯޓްސް 4-2 ގެ ނަތީޖާއަކުން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން މާޒިޔާ ޖާގަ ހޯދުމުން ބަލިގަބޫލުކޮށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) މާޒިޔާއަށް މަރުހަބާ ކިޔައިފިއެވެ.
މާޒިޔާއާ ޓީސީ ބައްދަލު ކުރި މެޗަށް ފަހު އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި މިއަހަރު އަލަށް ވާދަކުރާ ޓީސީގެ ކޯޗް ނިޒާމް ބުނީ ކޮންމެ ޓީމެއް ވެސް ބުރަ މަސައްކަތް ކޮއްފިނަމަ ކާމިޔާބު ވާނެ ކަމަށްށެވެ.
"މާޒިޔާގެ ސްކޮޑާއި މާޒިޔާއިން ކުރި ހޭދައާ ހުރިހާކަމަކަށް ބަލާފައި ޓީސީއިން މިދެއްކީ ދިވެހިރާއްޖޭގެ ދަނޑުގައި ފުޓްބޯޅަ ކުޅޭނީ ހަމައެކަނި ވަކިބައެއް ނޫން ކަން. ކޮންމެ ބައެއްވެސް މަސައްކަތް ކޮށްފިނަމަ ކުރިއައް ދެވިދާނެ. މާޒިޔާ އެ ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔަން. އުންމީދުކުރަނީ ރީތި ފައިނަލް މެޗެއް ފެނިގެން ދާނެކަމަށް،" ނިޒާމްބެ ބުންޏެވެ.
ޓީސީގެ ކޯޗް ނިޒާމް ބުނީ، މިފަހަރުގެ މުބާރާތަކީ އެ ޓީމަށް ކާމިޔާބު މުބާރާތެއް ނޫން ކަމަށާއި އެ ޓީމް މުބާރާތަށް ނިކުތީ ތައްޓަށް ކަމަށެވެ.
"ޓީސީއަށް ކާމިޔާބު މުބާރާތެކޭ ނުބުނެވޭނެ މިޔަކީ. ޓީސީ ވެސް ނިކުތީ ތައްޓަށް. ކޮންމެ ގޮތެއްވިޔަސް މުބާރާތަކަށް އެންޓަޓައިން ކޮށްލާކަށް ނޫނީ ޕާފޯމް ކޮށްލާކަށް ނުނިކުންނާނެ. ޓީސީ ނިކުތީ ތަށްޓަށް. އެހެންވީމަ ނާކާމިޔާބު މުބާރާތެއްގޮތަށް ދެކެނީ."