28 Sep 2015, 15:04
އެތައް އަހަރެއްވަންދެން ދިގުދެމިގެން ދިޔަ ކޯޓު ކޭހެއް އެޕަލް ކުންފުނިން ބޭނުންވާ ގޮތަށް ނިމިއްޖެ އެވެ. ވޮޝިންގްޓަންގެ ފެޑެރަލް އެޕީލްސް ކޯޓަކުން ވަނީ ސެމްސަންގް އަށް އެޕަލްގެ ބައެއް ފީޗާތައް ނަކަލު ނުކުރުމަށް އަމުރުކޮށްފަ އެވެ.
މި މަހުގެ 17 ވަނަ ދުވަހު އެ ކޯޓުން ކުރި ހުކުމުގައި ވަނީ ސެމްސަންގް އަށް "ސްލައިޑް ޓު ލޮކް"، "އޮޓޯކްރެކްޓް"، އަދި "ކުއިކް ލިންކް ސޮފްޓްވެއާ" ފަދަ އެޕަލް ކުންފުނިން އެމީހުންގެ އައިފޯނުތަކުގައި ބޭނުންކުރާ ފީޗާޒް ތަކާއި ކަނޑައެޅިގެން އެއްގޮތް ފީޗާޒްތައް ބޭނުން ނުކުރުމަށް އަމުރުކޮށްފައެވެ.
ނަމަވެސް މި އަމުރު އައިސްފައިވަނީ ސެމްސްންގް އިން އެމީހުންގެ ފޯނުތަކުގައި މި ފީޗާތައް ބޭނުން ކުރެވޭ ގޮތް ބަދަލުކޮށްފައިވާތާ އެތައް ދުވަހެއް ފަހުންނެވެ. މިސާލަކަށް ގެލެކްސީ ފޯނެއް އަންލޮކް ކުރުމަށް މިހާރު ފިތެއް ސްލައިޑް ކުރާކަށް ނުޖެހެ އެވެ. އިނގިލިން ސްކްރީންގެ ކޮންމެ ތަނެއް ސްވައިޕް ކޮށްލުމުން އެ ނިމުނީ އެވެ. ސެމްސަންގް ފޯނުތަކުގެ ކީޕެޑަށް ވެސް ވަނީ އެތައް ބަދަލުތަކެއް ގެނެވިފައެވެ.
ކޯޓުން ކުރި ހުކުމާ ގުޅިގެން ސެމްސަންގް އިން ނެރުނު ނޫސްބަޔާނެއްގައި އެ ކުންފުނިން ވަނީ ގެލެކްސީ ސްމާޓްފޯނުތައް ވިއްކުމާއި އުފެއްދުން ހުއްޓާނުލާނެ ކަމަށާއި، އެ ކޯޓުގެ ނިންމުން ދިރާސާ ކުރަމުން ދާ ކަމަށް ބުނެފައެވެ.
ކޯޓުން ބުނިގޮތުގައި އެމީހުން އެޕަލް ކުންފުނީގެ ކޮޅަށް ނިންމާފައިވަނީ ވަރަށް "ހަނި" ނިންމުމެކެވެ. އަދި ސެމްސަންގް ފޯނުތައް ވިއްކުން ހުއްޓާލުން އެއީ އެމީހުން ބޭނުންވާ ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި އެ ކޯޓުން ވަނީ ނަކަލު ކުރެވިފައިވާ ފީޗާއެއް އަދިވެސް ވާނަމަ އެ ފީޗާއެއް ސެމްސަންގް ފޯނުތަކުން ނެގުމަށް އިރުޝާދު ދީފަ އެވެ.
އެޕަލް ކުންފުނިން ފުރަތަމަ ދައުވާ އުފުލީ 2012 ވަނަ އަހަރުއެވެ. އޭރު ސެމްސަންގް ކުންފުނިން އުޅުނީ ގެލެކްސީ އެސް 2 މާކެޓަށް ނެރެގެނެވެ. މިއަހަރު ސެމްސަންގުން ވަނީ ގެލެކްސީ އެސް 6 މާކެޓަށް ނެރެފައެވެ.
އެހެންކަމުން އެޕަލް ކުންފުންޏަށް މި ލިބުނު މޮޅަކީ ވަގުތު ފާއިތުވުމުގެ ފަހުން ލިބުނު ރަމްޒީ މޮޅެކެވެ.
މި މައްސަލައިގައި ޑިސްޓްރިކްޓް ކޯޓުން ކުރި ފުރަތަމަ ހުކުމުގައި ސަމްސަންގް އަށް ވަނީ އެޕަލް ކުންފުނީގެ ޕޭޓަންޓްތަކާއި ހިލާފު ވުމުން 120 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އަމުރު ކުރެވިފައެވެ. ނަމަވެސް މިއީ އެޕަލް ކުންފުނިން ބޭނުންވި ފައިސާގެ އަދަދުގެ ދިހަ ބައިކުޅަ އެއްބަޔަށްވުރެ މަދު އަދަދެކެވެ.
މިއީ ދުނިޔޭގެ އެންމެ ބޮޑު ދެ ސްމާޓްފޯން ކުންފުނީގެ މެދުގައި ކޯޓުގައި ކުރިއަށްދާ އެތަކެއް މައްސަލަތަކެއްގެ ތެރެއިން އެއް މައްސަލައެކެވެ.