ރައީސްގެ ލޯންޗްކޮޅުގައި މިއަދު ހެނދުނު އެއްޗެއް ގޮވި މައްސަލައިގެ ތަހުގީގުގައި އެމެރިކާ އާއި އޮސްޓްރޭލިއާގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް، ހަމްދޫން ރަޝީދު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ، ފުލުހުންގެ ފޮރެންސިކް ޓީމެއް ރައީސުލްޖުމްހޫރިއްޔާގެ ލޯންޗުކޮޅުގައި މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

" ދިވެހި ރައްޔިތުންނަށް ޔަގީންކޮށް އަރުވަން ބޭނުންވަނީ މި ހާދިސާ އަޅުގަނޑުމެން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި މިކަން ހިނގި ގޮތުގެ އަސްލު ހޯދުމަށްޓަކައި ދިވެހި ފުލުހުން އަދި އެމްއެންޑީއެފް ގުޅިގެން ކުރަން ހުރި މަސައްކަތްތަކެއްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވަން ބޭނުން،" ހަމްދޫން ރަޝީދު ވިދާޅުވި އެވެ.

އަދި އެ މައްސަލައިގައި ތަހުގީގު ކުރިއަށްދާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ހާދިސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށާއި ރައީސް އޮފީހުގެ ޕްރޮޓޮކޯލްގައި ހިމެނޭ ބޭފުޅަކަށާއި ރައީސްގެ ބޮޑީ ގާޑަކަށް ވަނީ އަނިޔާވެފައެވެ. އައިޖީއެމްއެޗުން ދަނީ އެބޭފުޅުންނަށް ފަރުވާދެމުންނެވެ.