28 Sep 2015, 14:53
މިދިޔަ އަހަރުގެ އޮގަސްޓް މަހާއި މިއަހަރުގެ އޮގަސްޓް މަހާ ހަމައަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް ނުވަތަ ތަކެތީގެ އަގުތައް 1.21 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ.
އެ ބިއުރޯއިން އާންމުކުރި ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ގައި ބުނެފައި ވަނީ، މިއަހަރުގެ އޮގަސްޓް މަހުގެ އިންފްލޭޝަން ރޭޓަކީ 0.15 ޕަސެންޓް ކަމަށެވެ. ޖުލައި 2014 އިން ޖުލައި 2015 އަށް ބަލާއިރު އިންފްލޭޝަން ރޭޓް މައްޗަށް ގޮސްފައިވަނީ 0.91 ޕަސެންޓަށެވެ.
އޮގަސްޓް މަހު މައިގަނޑު ގޮތެއްގައި އަގު މައްޗަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި ތަރުކާރީގެ ބާވަތްތައް ހިމެނެ އެވެ. އެގޮތުން ތަރުކާރީގެ ބާވަތްތަކުން 7.11 ޕަސެންޓް ވަނީ އަގުތައް މަތިވެފައެވެ.
އޭގެ އިތުރުން ގޭގައި ގެންގުޅޭ ތެލިތަށި ފަދަ ތަކެތިން 4.64 ޕަސެންޓް، ގޭތެރޭގައި ހިފާގެންގުޅޭ ކަރަންޓް ސާމާނުގެ ބާވަތްތަކުން 4.98 ޕަސެންޓް އަގު މައްޗަށް ގޮސްފައިވާ ކަން ފާހަގަކޮށްލެވެ އެވެ.
އޮގަސްޓްމަހު މައިގަނޑު ގޮތެއްގައި އަގު ދަށަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި މޭވާގެ ބާވްތަތަކުން 3.42 ޕަސެންޓް، އަންނައުނުގެ ބާވަތްތައް 1.09 ޕަސެންޓް އަދި ދުންފަތުގެ ބާވަތްތަކުން 1.04 ވަނީ އަގުތައް ދަށްވެފައެވެ.