ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު ދަތުރުކުރެއްވި ލޯންޗުގައި މިއަދު ހިނގި ހާދިސާއާއި މެދު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެކަމުގައި އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ގޮވައިލާ ކަމަށެވެ.

"... ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީންގެ ދެކަނބަލުން މިއަދު ހެނދުނު މާލެ ވަޑައިގަންނަވަނިކޮށް އެމަނިކުފާނާ އަދި ސަރުކާރުގެ ބައެއް ވެރިން ދަތުރު ކުރައްވަމުން ގެންދެވި ފިނިފެންމާ ލޯންޗުކޮޅުގައި ހިނގި ނުރައްކާތެރި ޙާދިސާއާ މެދު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން އިންތިހާއަށް ކަންބޮޑުވުން ފާޅު ކުރަމެވެ.

މިފަދަ ނުރައްކާތެރި ޙާދިސާއެއް ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކަށް ޙާއްޞަކުރެވިފައިވާ ލޯންޗުކޮޅުގައި ހިނގުން މިހާރުން މިހާރަށް ތަޙްޤީޤްކޮށް މިކަމުގައި އިޙުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ދައުލަތުގެ އެންމެހައި ފަރާތްތަކަށް ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އާއިލާއަށާއި އެމްއެންޑީއެފްގެ ސާޖަންޓް ފަރސްޓް ކްލާސް މުޙައްމަދު ޢަބްދުލް ނާސިރަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފާތިމަތު މުޙައްމަދު ޞާލިހަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.