ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު މިއަދު މާލެވަޑައިގެންނެވި ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ޕީޕީއެމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ހާދިސާ އާ ގުޅިގެން ދިވެހި ރައްޔިތުންނާއި ޕީޕީއެމްގެ މެންބަރުންނަށް ވަނީ ވަރަށް ބޮޑު ކަންބޮޑުވުމަކާއި ނުތަނަވަސްކަމެއް ލިބިފައި ކަމަށެވެ.

އެހާދިސާ ހިނގަން ދިމާވި ސަބަބު ބަލައި އެކަމުގައި އަވަސް ތަހުގީގެއް ހިންގައި ވަގުތުން ވަގުތަށް އަޅުވަންޖެހޭ ފިޔަވަޅުތަށް އެޅުމަށް ޕީޕީއެމުން ވަނީ ގޮވާލާފައެވެ.

"ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާއަށް ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ފޯރުކޮށްދެއްވުމުގައި އެއްވެސް އުނިކަމެއް ނާންނާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް މިޕާޓީން ގޮވާލަން،" ޕީޕީއެމުން ނެރުނު ބަޔާނުގައި ވެއެވެ.

ރައީސްގެ ލޯންޗުކޮޅުގައި އެއްޗެއް ގޮވުމުގެ ހާދިސާއެއް ހިނގާފައި މިވަނީ ހައްޖުގެ އަޅުކަމަށް ފަހު ރައީސް އާއި އަނބިކަނބަލުން މާލެ ވަޑައިގަތުމަށް ލޯންޗު އިއްޒުންދީން ފާލަމާއި ކައިރިކުރަނިކޮށެވެ.

އެހާދިސާ ތަހުގީގުކުރުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ދަނީ ކުރަމުންނެވެ.