މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ކުރިއެރުން ނުހޯދޭ ނަމަ ރާއްޖެ ފަދަ ކުދި ގައުމުތަކަށް ދެމެހެއްޓެނިވި ތަރައްގީ ނުގެނެވޭނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ ޔޫއެން ސަސްޓެއިނަބްލް ޑިވެލޮޕްމެންޓް ސަމިޓް 2015 ގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ގައުމުތަކުގެ ދެމިއޮތުމަށް ނުރައްކާވެފައިވާ ކަމަށެވެ.

"... މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ކުރިއެރުން ނުހޯދޭ ނަމަ ރާއްޖެ ފަދަ ތަރައްގީ ވަމުން އަންނަ ޖަޒީރާ ގައުމުތަކަށް ދެމެހެއްޓެނިވި ތަރައްގީ އަކީ ހަގީގަތަކަށް ނުހެދޭނެ" ދުންޔާ ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްގީގެ 17 ލަނޑުދަނޑިއާއި 169 އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރަން ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ މިލޭނިއަމް ޑިވެލޮޕްމެންޓް ގޯލްސް ހާސިލުކުރުމުގައި ރާއްޖޭގެ ވާހަކައަކީ ކާމިޔާބީގެ ވާހަކައެއް ކަމަށެވެ. އަދި އެކަމާ ރާއްޖޭން ފަހުރުވެރިވާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.