ރާއްޖެއާއި ދުނިޔޭގެ އެކިކަންކޮޅުތަކަށް ރޭ ފެނުނު ސުޕަ މޫން ބެލުމަށް ގިނަ ބަޔަކު ވަނީ އެކި ހިސާބުތަކަށް އެއްވެފައެވެ. ރާއްޖެއަށްވެސް ފުރިހަމަ ހަނދެއް ރޭ ފެނިފައިވާއިރު ހަނދު ބަލާލުމަށް ގިނަ ބަޔަކު ވަނީ މަގުތަކަށް ނިކުމެފަ އެވެ. އަދި ހަނދާއެކު ސެލްފީ ނެގުމާއި ހަނދުގެ ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓް ކޮށްފަ އެވެ.

ރޭ ފެނުނު ސުޕަރ މޫން ބެލުމަށް ކޮލަމްބިއާގައި ބަޔަކު އެއްވެ -- ފޮޓޯ -- އޭޕީ

ރޭގައި ފެނުނު ހަނދު 356877 (ތިން ލައްކަ ފަންސާސް ހަ ހާސް އަށް ސަތޭކަ ހަތްދިހަ ހަތް) ކިލޯމީޓަރަށް ހަނދު ބިމާ ކައިރިއަށް އަންނާނެ ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ. ހަގީގަތުގައިވެސް ރޭގެ ހަނދު ފެނިފައިވަނީ ދުނިޔެއާއި ވަރަށް ކައިރިންނެވެ. މީގެ ކުރިންފެންނަ ވަރަށްވުރެ ބޮޑުކޮށް އަލި ގަދަކޮށެވެ. ހަނދު ފެންނަންހުރި އިރު ދުނިޔެމަތި އޮތީ އެހެން ރޭ ރެޔާއި އަޅައިބަލާއިރު ވަރަށްވެސް އަލިކޮށެވެ.

" ރޭގައި ހަނދު ވަރަށް ބޮޑު، ވަރަށް އަލި ގަދަ. ކުރީން ފެންނަ ފުލްމޫނާއި ވަރަށް ތަފާތު. ރީތިކަމުން އަބަދުހެން ހުރެވުނީ ބަލަން،" ރޭ ސުޕަރ މޫން ބަލަން ދިޔަ ދިވެހި ކުއްޖަކު 'ސަން' އަށް ކިޔައިދިނެވެ.

ރޭ ރާއްޖެއަށް ފެނުނު ސުޕަމޫން -- ސަން ފޮޓޯ -- ފަޔާޒު މޫސާ

ރޭ ފެނުނު ސުޕަރ މޫން ބެލުމަށް ކެނެޑާގައި އެއްވެ -- ފޮޓޯ -- އޭޕީ

ރާއްޖޭގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް ވަނީ "ސުޕަރ މޫން" ބަލާފަ އެވެ. އަދި ގިނަ ބަޔަކު ހަނދާއެކު ތަފާތު ގޮތްގޮތަށް ފޮޓޯނަގައި އާންމުކޮށްފައިވެ އެވެ. ރީތި ފުރިހަމަ ހަނދެއް ފެނުނު ގައުމުތަކުގެ ތެރޭގައި ބްރެޒިލް، އޮސްޓްރޭލިއާ، ފްރާންސް، އެމެރިކާ އަދި ސްޕެއިންވެސް ހިމެނެ އެވެ.

ރޭ ފްރާސުން ފެނުނު ސުޕަމޫން -- ފޮޓޯ -- އޭޕީ

ރަތް ހަނދުކޭތަ ރާއްޖެއަކަށް ނުފެނޭ - ގިނަ ގައުމުތަކަށް ފެނުނު

ރަތް ހަނދެކޭތަ ހިފަނީ -- ފޮޓޯ -- އޭޕީ

ރޭގައި ފެނުނު ފުރިހަމަ ހަނދުގެ ކޭތަ ނުވަތަ ސައިސްވެރިން ކިޔާގޮތުންނަމަ ރަތް ހަނދުކޭތަ ހިފިގަޑީގައި ރާއްޖެއަށް މޫސުން ގޯސްވެ ވާރޭ ވެހުމުގެ ސަބަބުން ފެނިފައެއް ނުވެ އެވެ. ރާއްޖޭ ގަޑިން 5:11ގައި ހިފަން ފެށި ހަނދުކޭތަ ރާއްޖެއަށް ނުފެނުނު ނަމަވެސް ގިނަ ގައުމުތަކަށް ވަނީ ހަނދުކޭތަ ފެނިފަ އެވެ.

ކޮންމެ 30 އަހަރަކުން އެއްއަހަރު ފެންނަ ރަތް ހަނދުކޭތަ ބަލާލުމަށް ގިނަބަޔަކު ދުނިޔޭގެ ކަންކޮޅުތަކުން އެކި ހިސާބުތަކަށް އެއްވެފައިވާއިރު، އެންމެ ރީތިކޮށް ރަތް ހަނދުކޭތަ ފެނިފައިވަނީ ބްރެޒިލް އަށެވެ.

ރަތް ހަނދުކޭތަ ހިފަނީ -- ފޮޓޯ -- އޭޕީ

" ރޭގެ ހަނދަކީ ފުރިހަމަ ހަނދެއް. ހަނދު ފެނުނު ގަޑީގަައި ދުނިޔެމަތި ފެނުނީ ރަން ކުލައިން. އެއީ ވަރަށް ފުރިހަމަ އަލިކަމެއް،" ބްރެޒިލްގައި ރަތް ހަނދުކޭތަ ބެލި މީހަކު ޑެންވާޕޮސްޓް ނިއުސްއަށް ބުނެފައިވެ އެވެ.

ރޭގައި ރަތް ހަނދުކޭތަ ބެލި އެސްޓްރޯ ފިޒިކްސް ޕްރޮފެސަރެއް ކަމަށްވާ ގުޔެން ހާޓް ވިދާޅުވީ ރޭގައި ހަނދުން ފެނިގެން ދިޔައީ ދުނިޔޭގެ ކާވްގެ ފުރިހަމަކަން ކަމަށާއި ދުނިޔެއަކީ ކިހާވަށް އެއްޗެއްކަން ހާމަވެގެން ދިޔަ ކަމަށެވެ.

ސުޕަމޫން އާއި އެކު ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ އޭޕީ

ނާސާގެ އެސްޓްރޮނަމާސްއިން ބުނެފައިވާ ގޮތުން ރޭގައި ފެނުނު ކަހަލަ ސުޕަރ މޫން އެކްލިޕްސް އެއް ދެން ފެންނާނީ 2033 ވަނަ އަހަރު އެވެ.

ރާއްޖޭގައި ރޭ ވަނީ ކޭތަ ނަމާދު ކޮށްފައި

ރޭ އިސްލާމީ މަރުކަޒުގައި ކުރެވުނު ކޭތަ ނަމާދުގެ ތެރެއިން -- ސަންފޮޓޯ -- ފަޔާޒު މޫސާ

ރޭ ފަތިސް ނަމާދަށް ފަހު ކޭތަ ނަމާދު ކުރުން ކުރިއަށް ގެންގޮސްފައި ވަނީ މާލޭގައި އިސްލާމީ މަރުކަޒުގަ އެވެ. އަދި ރަށްރަށުގައި ކޭތަ ނަމާދުކޮށްފައި ވަނީ އެރަށެއްގައި ހުރި އެންމެ ބޮޑު މިސްކިތެއްގައެވެ.

އިސްލާމީ މަރުކަޒުގައި ކުރެވުނު ކޭތަ ނަމާދުގައި ގިނައަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.