ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗް ސޮބާހް މުހައްމަދާ ދެކޮޅަށް ކޯޗެއްގެ ގޮތުގައި ނިކުތުމަކީ ދެކެމުން އައި ހުވަފެނެއް ކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ.

އިއްޔެ ހަވީރު ޕްރެޒިޑެންޓްސް ކަޕް ސެމީފައިނަލް ގެ ފަހު މެޗްގައި ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް 2-4 އިން ޕެނަލްޓީ ޖަހައިގެން ކުރި ހޯދި މެޗަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން މާޒިޔާގެ ކޯޗް ސުޒޭން ބުނީ އޭނާ ބޭނުންވަނީ ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅުމަށް ވުރެން ނިއުގެ ކޯޗް ސޮބާއާ ދެކޮޅަށް ކުޅެ ތަށި ހޯދުމަށްށެވެ.

ނިއުގެ ކޯޗު ސޮބާހު މުހައްމަދު ވަނީ ސުޒޭނާ އެކު ވިކްޓަރީއަށް ކުޅެ ގައުމީ ތަށި ކާމިޔާބުކޮށްފަ އެވެ. އަދި ސުޒޭނުގެ ކޯޗުކަމުގެ ދަށުން ވިކްޓަރީން ގައުމީ ތަށި ކާމިޔާބުކުރި އިރު ވެސް ސޮބާ އަކީ އެ ޓީމުގެ މުހިންމު ޑިފެންޑަރެކެވެ. އެހެންވެ ތާރީހީ ފައިނަލަށް ސުޒޭން ނުކުންނަން މި ޖެހެނީ އޭނާގެ ދަރިވަރަކާ ދެކޮޅަށެވެ.

"އަޅުގަނޑު ހަގީގަތުގައި ނިއުރޭޑިއަންޓާ ދެކޮޅަކަށް ނޫން ކުޅެން ބޭނުންވަނީ. އެއީ އަޅުގަނޑާއި އެކު ކުޅުންތެރިއެއް ގެ ގޮތުގައި ތަށި ހޯދާފައި ހުރި ކޯޗަކާއި އެއްކޮށް ނިކުތުން މިއީ އަޅުގަނޑުގެ ހުވަފެނެއް. ސޮބާ އެންމެންގެ ރެސްޕެކްޓް ހޯދައިފި ވަރަށް މޮޅު މެޗެއް ކުޅެ ނިއު ފައިނަލަށް ގެންގޮސްފި. އަޅުގަނޑު ވަރަށް ބޭނުންވި ފައިނަލަކަށް ހަގީގަތުގައި މި ދެވުނީ،" ޓިސީ މާޒިޔާ މެޗަށް ފަހު ވާހަކަ ދައްކަމުން ވިކްޓަރީގެ ކުރީގެ ކޯޗް ބުންޏެވެ.

މިހާތަނަށް އެންމެ ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހުނީ އިއްޔެގެ މެޗްގައި ކަމަށްވެސް ސުޒޭން ބުންޏެވެ.

ވޭތުވެދިޔަ 45 އަހަރަށް ފަހު ގައުމީ މުބާރާތް އަލުން ފެށިއިރު ސުޒޭން ބުނީ އެއީ ވަރަށް ތާރީހީ މުބާރާތެއް ކަމަށެވެ. އަދި އޭނާ އަކީ ތާރީހަށް ވަރަށް ބޮޑަށް ލޯބި ކުރާމީހަކަށް ވާއިރު މި މުބާރާތް ކާމިޔާބު ކުރުމަކީ އޭނާގެ ވަރަށް ބޮޑު އުންމީދެއް ކަމަށް ވެސް ސުޒޭން ބުންޏެވެ.

މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާ މާޒިޔާގެ ގޯލް ކީޕަރާ ގުޅޭގޮތުން ސުޒޭން ބުނީ، މާޒިޔާ ފައިނަލަށް ދިޔުމުގައި ކީޕަރުގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ.

"ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން މާޒިޔާގެ މެނޭޖްމަންޓަށް. އެއީ މި ގޯލް ކީޕަރު ގެންނަން އަޅުގަނޑު އެ މީހުނަށް މަޝްވަރާދިން ހިސާބުން އެ ޑިޝިޝަން ނެގީމަ މިއަދު މާޒިޔާ މި ހިސާބުގަ މި އޮތީ. އޭނަގެ ވަރަށް ރަނގަޅު ސޭވް ތަކަކާއި އެއްކޮށް ހަގީގަތުގައި ފައިނަލާއި ހަމައަށް މި އާދެވުނީ،" މާޒިޔާގެ ކޯޗް ބުންޏެވެ.