28 Sep 2015, 12:10
ނިޔުޔޯކް (ސެޕްޓެމްބަރު 28) : އދ. އަށް އިސްލާޙް ގެންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ނަމަވެސް އދ. އަކީ މިހާތަނަށް ދުނިޔެ ދެކެފައިވާ އެންމެ ކާމިޔާބު ބައިނަލްއަގްވާމީ މުއައްސަސާ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ވިދާޅުވެއްޖެ އެވެ.
އދ. ގެ ޖެނެރަލް އެސެމްބްލީގައި ތަގްރީރު ކުރެއްވުމަށް ޓަކައި ނިޔުޔޯކަށް ވަޑައިގެން ރަޝިޔާގެ އާރުޓީ ޗެނެލްއަށް ދެއްވި ބަޔާނެއްގައި ޕޫޓިން ވިދާޅުވީ އދ. އަށް އިސްލާހްތައް ގެނައުމަށް ރަޝިޔާގެ ތާއީދު އޮންނާނެ ކަމަށާ އދ. ގެ ޖެނެރަލް އެސެމްބްލީގެ އަރިމަތީގައި ބާއްވާ ދުނިޔޭގެ އިސްވެރިންގެ ބައްދަލުވުންތަކުގައި މިބަހުޘް ހިނގަމުންދާ ކަމުގަ އެވެ. ނަމަވެސް މިކަމުގެ ތަފްސީލް ދެއްވާފައެއް ނުވެ އެވެ.
އދ.ގެ އުފެއްދިފަހުން ފާއިތުވި ފަސްދޮޅަހަކަށް އަހަރު ތެރޭގައި ދުނިޔޭގެ އަސްކަރީ އަދި އިގްތިސާދީ ބާރުގެ ތިލަފަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވީ ނަމަވެސް އދ.ގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑު އެބަދަލުތައް ފެނިފައެއް ނުވެ އެވެ. އދ. އުފެދުނު އިރު ބޮޑެތި ބާރުތަކުގެ ގޮތުގައި ތިބި ބައެއް ގައުމުތައް ބަލިކަށިވެ އެނޫންގައުމުތައް ދުނިޔޭގެ އަމްނާއި ސަލާމަތަށް ބަދަލުތައް ގެނެވޭ ފަދަ ބާރުތަކަކަށް ބަދަލުވެފައިވެ އެވެ. މިގޮތުން ޖަރުމަނާއި ޖަޕާނާއި އިންޑިޔާއާއި ބްރަޒީލް ދުނިޔޭގެ ފެންވަރުގެ ބާރުތަކަށް ބަދަލުވެފައިވާއިރު ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުކަން އެގައުމުތަކަށް ދޭން ޖެހޭ ކަމަށް ދުނިޔޭގެ އެތައް ގައުމަކުން މިހާރު ވަނީ ދެކެންފަށާފަ އެވެ.
ފާއިތުވި ފަސްދޮޅަހަކަށް އަހަރު ތެރޭގައި ދުނިޔެއަށް އައިސްފައިވާ ބަދަލުތަކާ އެއްގޮތަށް އދ.ގެ ޗާޓަރާއި އޮނިގަނޑު އިސްލާޙް ކުރުމަށް އދ.ގެ މެންބަރު އެތައް ގައުމަކުން ގޮވާލަމުންދިޔަ ނަމަވެސް ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ އެމެރިކާއާއި ރަޝިޔާއާއި ޗައިނާއާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ އެއްބާރުލުން މިކަމަށް ނުލިބޭކަމަށް ރިޕޯޓްތައް ބުނެ އެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީގައި މިދިޔަ ހުކުރު ދުވަހު ދެއްވި ތަގްރީރުގައި އދ. އާއި އަދި ޚާއްސަކޮށް އދ. ގެ ސަލާމަތީ މަޖިލިސް އިސްލާހް ކުރުމަށް ޖަރުމަނުގެ ޗާނެސެލަރ އެންގެލާ މާކަލް ވެސްވަނީ ގޮވާލައްވާފައެވެ. ދުނިޔޭގެ ބާރުތައް މިހާރު ބެހިފައިވާގޮތުން އދ. ގެ ސަލާމަތީ މަޖިލީހަށް އިސްލާޙީ ބަދަލުތައް ގެނައުމުގެ ވަގުތު މިހާރު ޖެހިފައިވާކަމަށް ވެސް އެންގެލާ މާކަލް ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)