28 Sep 2015, 11:50
މޫސުމަށް އަންނަމުންދާ ބަދަލުތަކުން ގައުމުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ނިންމަން ޖެހޭ އުނދަގޫ ނިންމުންތައް އެހެން ދުވަހަކަށް ފަސްކުރަން މިހާރު ފުރުސަތެއް ނެތް ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ތާރިގު އިބުރާހީމް ވިދާޅުވެއްޖެއެވެ.
'ކްލައިމެޓް ހޯމް' ވެބްސައިޓުގައި މިނިސްޓަރު ތާރިގު އިއްޔެ ލިއުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވެފައި ވަނީ ދުނިޔެ ހިމާޔަތް ކުރުމަށްޓަކައި ވާން ޖެހޭ އެއްބަސްވުމާ މެދު ދުނިޔޭގެ ގައުމުތަކުގެ މެދުގައި ހުރި ދެބަސްވުންތައް ޕެރިހުގައި ބާއްވާ ބައްދަލުވުމުގެ ކުރިން ނުވަތަ އެބައްދަލުވުމުގައި ނައްތައިލަން ޖެހޭނެ ކަމަށެވެ.
"... އުނދަގޫ ނިންމުންތައް އެހެން ދުވަހަކަށް ބޭއްވުމުގެ ފުރުސަތެއް އަޅުގަނޑުމެންނަކަށް ނެތެވެ. ކުރަން ޖެހޭ ކަންތައް ކުރުމުގެ މާނައަކީ، އަޅުގަނޑުމެންގެ މެދުގައި ހުރި ޚިލާފުތަކުގެ މައްސަލަ ޕެރިހަށް [ޕެރިހުގައި އޮންނަ ތިމާވެއްޓާއި ބެހޭ ބައްދަލުވުމަށް] ތައްޔާރުވަމުން ދާއިރު، ނުވަތަ އެ ބައްދަލުވުމުގައި ހައްލުވެގެން ދިއުމެވެ،" މިނިސްޓަރު ލިޔުއްވާފައި ވެއެވެ.
މިނިސްޓަރު އަދި ވިދާޅުވެފައި ވަނީ ޕްލެނެޓް ސަލާމަތްކުރުމުގެ މުއާހަދާއެއް އޮތީ އަތްފޯރާ ފަށުގައި ކަމަށް 2009 ވަނަ އަހަރު ކޯޕަން ހޭގަންގައި ބޭއްވި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ވާހަކަތަކުގައި ވެސް ފެނުނު ކަމަށެވެ. އެހެން ނަމަވެސް އުއްމީދު ނާއުއްމީދަށް ބަދަލުވަނީ ވަރަށް އަވަހަށް ކަން އެފަހަރު ދަސްވި ކަމަށް ވެސް ތާރިގު ވިދާޅުވެފައި ވެއެވެ.
މިހާރު ކުރިއަށްދާ ޔޫއެންގެ އާއްމު މަޖިލީހަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން އިސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް ލިބޭ ފަހު ފުރުސަތު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ތާރިގު ވިދާޅުވިއެވެ.