ރައީސުލްޖުމްހޫރިއްްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދަތުރު ކުރެއްވި ލޯންޗުގައި އެއްޗެއް ގޮވި ހާދިސާ ހިނގީ ކީއްވެގެންކަން އަދި ނުނިންމާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ. މުންދު ވިދާޅުވީ އެކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވުމަށް އެނގޭނީ ތަހުގީގު ނިމުމުން ކަމަށެވެ.

"މިއިކީ އިންޖީނަށް ދިމާވި މައްސަލައެއްތޯ ނުވަތަ ނޫންތޯ، ނޫނިއްޔާ މީ ފުރަތަމަ ކަމަކަށް އެކްސިޑެންޓެއްތޯ ނުވަތަ ނޫންތޯ އެ އެއްވެސް ދަންނަވާކަން ނޭނގޭނެ. އަޅުގަނޑުމެން އެއްވެސް އެއްޗެއް ރޫލް އައުޓެއް ނުކުރަން. ނުވެސް ކުރެވޭނެ،" މުންދު ވިދާޅުވި އެވެ.

އެ ހާދިސާގެ ތަހުގީގު މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް މުންދު ވިދާޅުވި އެވެ. އަދި އެ ތަހުގީގުގެ މައުލޫމާތު ސީދާ ރައީސް އަށް ވެސް ދެއްވަމުން ގެންދަވާ ކަމަށް މުންދު ވިދާޅުވި އެވެ.

"އެ ބޭފުޅުން އެ ބައްލަވަނީ އިންޖީނު ވެސް ބައްލަވާނެ. އެހެންތަންތަން ވެސް ބައްލަވާނެ. މުޅި ލޯންޗު ސައްތައިން ސައްތަ ބައްލަވާނެ،" މުންދު ވިދާޅުވި އެވެ.

'ސަން' އާ ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ އެއްޗެއް ގޮވުމުގެ ހާދިސާގައި ރައީސްގެ ބޮޑީގާޑް އަބްދުއްނާސިރަށް ވަރަށް ބޮޑެތި އަނިޔާތައް ވެފައިވާ ކަަމަށެވެ. އެހެންނަމަވެސް އެ އަނިޔާތަކުގެ ތަފްސީލެއް ނުދެއްވެ އެވެ. އަބްދުއްނާސިރު ފުރަތަމަ ގެންދިޔައީ އެއާޕޯޓަށެވެ. އެހެންނަމެވެސް ފަހުން ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ.

ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮވުމުގެ ހާދިސާއެއް ހިނގާފައި މިވަނީ ހައްޖުގެ އަޅުކަމަށް ފަހު ރައީސް އާއި އަނބިކަނބަލުން މާލެ ވަޑައިގަތުމަށް ލޯންޗު އިއްޒުންދީން ފާލަމާއި ކައިރިކުރަނިކޮށެވެ.