28 Sep 2015, 11:55
އދ.ގެ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފޭސްބުކްގެ ބާނީ މާކް ޒުކަބާގް ވިދާޅުވެއްޖެ އެވެ.
ނިއުޔޯކުގައި ކުރިއަށްދިޔަ އދ.ގެ ފޯރަމެއްގައި ވާހަކަދައްކަވަމުން ޒުކަބާގް ވިދާޅުވީ، އިންޓަނެޓްގެ ސަބަބުން، ކޭމްޕުތަކަށް އެހީ ފޯރުކޮށް ދިނުމަށާއި، ރެފިއުޖީންނަށް އާއިލާތަކާ ގުޅުން ބަދަހިކުރުމަށް އެހީތެރިކަން ލިބިގެންދާނޭ ކަމަށެވެ.
ޒުކަބާގް ވިދާޅުވީ، ފަސް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އެންމެނަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ކެމްޕޭން "ކަނެކްޓިވިޓީ ޑިކްލަރޭޝަން"ގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ފޭސްބުކްގެ ހިއްސާ ވަރަށް ބޮޑުވާނެ ކަމަށެވެ.
ދުނިޔޭގެ ފަގީރުކަން ނައްތައިލުމަށާއި އދ. އިން ކުރިއަށް ގެންދާ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އިންޓަނެޓްގެ ދައުރު ވަރަށް މުހިއްމު ކަމަށްވެސް ފޭސްބުކްގެ ބާނީ ވިދާޅުވި އެވެ.
"ކަނެކްޓިވިޓީގެ ސަބަބުން ރެފިއުޖީންނަށް އެހީތެރިވުމަށް އެހީދޭ ޖަމާއަތްތަކަށް ފަސޭހަވާނެ. އަދި ރެފިއުޖީންނަށް އެމީހުންގެ އާއިލާތަކާއި ލޯބިވާ މީހުންނާ ގުޅުން ދެމެހެއްޓޭނެ،" ޒުކަބާގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އދ.ގެ ރެފިއުޖީންނާ ބެހޭ ހައިކޮމިޝަނަރާ ގުޅިގެން ކަނެކްޓިވިޓީގެ ލަނޑުދަނޑި ހާސިލްކުރުމަށް ފޭސްބުކުން ވަރަށް މުހިއްމު ދައުރެއް އަދާކުރާނޭ ކަމަށެވެ.
ކަނެކްޓިވިޓީ ޑެކްލަރޭޝަން ކެންޕޭންގައި ޒުކަބާގްގެ އިތުރުން ހަރަކާތްތެރިވާ މަޝްހޫރު ފަރާތްތަކުގެ ތެރޭގައި ޔޫ2ގެ ރޮކްސްޓާ ލަވަކިޔުންތެރިޔާ ބޯނޯއާއި އެކްޓްރެސް ޗާލީޒް ތެރޯންއާއި މައިކްރޯސޮފްޓްގެ ބާނީ ބިލްގޭޓްސް އާއި، މަޝްހޫރު ވިޔަފާރިވެރިޔާ ރިޗަޑް ބްރެންސަންއާއި، ވިކިޕީޑިއާގެ ކޯފައުންޑަރު ޖިމީ ވޭލްސް ހިމެނިވަޑައިގަންނަވައެވެ.
މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ތިން ބިލިޔަނެއްހާ މީހުންނަށް އިންޓަނެޓްގެ ހިދުމަތް ލިބޭއިރު، ކަނެކްޓިވިޓީ ކެމްޕޭންގެ ޓާގެޓަކީ އިތުރު ހަތަރު ބިލިއަން މީހުންނަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމެވެ.
މަސްދުވަހުގެ ތެރޭގައި 1.5 ބިލިއަން މީހުން ފޭސްބުކަށް ލޮގިންކުރާ އިރު، މިދިޔަ މަހު ވަނީ، އެއްދުވަހުގެ ތެރޭގައި އެއް ބިލިއަން ޔޫޒަރަސް އެއްފަހަރާ ފުރަތަމަ ފަހަރަށް ފޭސްބުކަށް ލޮގިންކޮށްފައެވެ.
ޒުކަބާގް ވިދާޅުވީ، ކުރިއަށް އޮތްތާނގައި އެއަދަދު އަދިވެސް ވަރަށް ބޮޑަށް އިތުރުވެގެން ދާނޭކަމަށް އޭނާ ލަފާކުރައްވާ ކަމަށެވެ.