28 Sep 2015, 11:28
ހުޅުމާލޭ އިންޖީނުގޭގައި ބޭނުންކުރަމުންދިޔަ ޖަނަރޭޓަރެއްގައި ރޯކޮށްލައިފި އެވެ.
ސްޓެލްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރޭ މެންދަމު 3:45 އެހާކަންހާއިރު ޕެޓްރޯލް އަޅާފައިވާ ފުޅިއެއްގައި ރޯކޮށް ހުޅުމާލޭ އިންޖީނުގޭގެ އިންޖީނު ރޫމަށް އެއްލައި، އެތަނުގައި ހުރި ޖަނަރޭޓަރަކަށް ގެއްލުންދީފައިވާ ކަމަށެވެ.
އެކަން ހިނގާފައި ވަނީ ހުޅުމާލޭ އިންޖީނުގޭގައި ސްޓެލްކޯގެ އަލަށް އިތުރުކުރި ބައިގެ ވައި ބޭރުކުރާ ދޮރެއް ހަލާކުކޮށް އެތާ އެތެރެއިން ޕެޓްރޯލް ފުޅިއެއް އެއްލައިގެން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ސްޓެލްކޯގެ ބަޔާނުގައި ވަނީ އެކަމުގެ ސަބަބުން ހުޅުމާލެއަށް ކަރަންޓުދިނުމަށް ބޭނުންކުރާ ޖަނަރޭޓަރެއްގެ ފިއުލްލައިން އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން ޖަނެރޭޓަރު މަރާމާތުކޮށް އާންމު ހާލަތަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"އަލިފާނުގެ ހާދިސާ ހިނގިތާ ގިނައިރުތަކެއްނުވެ، ސްޓެލްކޯގެ މުވައްޒަފުން އަލިފާން ނިވާ ނިޒާމްގެ އެހީގައި އަލިފާންގަނޑު ވަނީ ނިވާލާފައެވެ،" ސްޓެލްކޯގެ ބަޔާނުގައި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސްޓެލްކޯގެ ޖަނަރޭޓަރުގައި ރޯކޮށްލި ކަމުގެ މައުލޫމާތު ލިބުމާއެކު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.