ތ. ބުރުނީ ފަޅުތެރެއަށް ގިނަ އަދަދަކަށް ރާގޮނޑި ވަންނަމުން ދާތީ އެ މަސްތައް ހިފަމުންދާތާ ހަފްތާއެއްހާ ދުވަސް ވެއްޖެ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

އެ ރަށު ފަޅުތެރެއަށް ރާގޮނޑި ވަނުމަކީ ވަރަށް ކުރީ ޒަމާނުން ސުރެ ހިނގަމުން އަންނަ ކަމެކެވެ. ހާއްސަކޮށް ހުޅަނގު މޫސުމުގައި އެ ރަށު ފަޅުތެރެއިން ރާގޮނޑިހިފަ އެވެ.

ބުރުނީ ފަޅުތެރެއިން ރާގޮނޑި ހިފުމުގެ މަސައްކަތް ކުރަނީ---- ސަން ފޮޓޯ: ކިޔުންތެރިއެއް

ބުރުނީ ކައުންސިލްގެ ނައިބް ރައީސް ހަދީޖާ އިބްރާހީމް މިއަދު ސަން އަށް ވިދާޅުވީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން އެ ރަށު ފަޅު ތެރެއިން ގިނަ އަދަދެއްގެ ރާގޮނޑި ހިފަމުން އަންނަ ކަމަށެވެ. އިއްޔެ އެކަނި ވެސް 1000 އަށް ވުރެ ގިނަ ރާގޮނޑި ހިފާފައިވާ ކަމަށް ހަދީޖާ ވިދާޅުވި އެވެ.

"އެކި ދުވަސްވަރު އެކި ވަރަށް ހިފަމުން ދަނީ. ހިފާ މަސް ހަމަހަމަކޮށް ބަހަމުން ދަނީ." ހަދީޖާ ވިދާޅުވި އެވެ.

އެމަސްތައް ހިފުމަށް އެ ރަށުގެ ކުދި ބޮޑު ދެ ޖިންސުގެ މީހުން ފޯރީގައި ވަގުތު ހޭދަކުރާއިރު ހިފޭ މަސް އެންމެންގެ މެދުގައި ހަމަހަމަކޮށް ބަހަމުން އަންނަ ކަމަށް ހަދީޖާ ވިދާޅުވި އެވެ.