28 Sep 2015, 10:05
ކުނި ހިފައިގެން ތިލަފުއްޓަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ގިރާވަރު ފަރަށް އަރައިފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އަދުނާން މުޙައްމަދު ވިދާޅުވީ، މިއަދު ހެނދުނު ތިލަފުއްޓަށް ކުނި ހިފައިގެން ދަތުރުކުރި، ބ. ރީތި ބީޗް ރިސޯޓްގެ "ރަނގަޅު" ނަކަމަށް ކިޔާ ދޯނި، 9:32 ކަންހާއިރު ގިރާވަރު ފަރަށް އެރުމާ ގުޅިގެން އެ ދޯނި ކައިރީގައި ކޯސްޓް ގާޑުން ހަރަކާތްތެރި ވެފައިވާ ކަމަށެވެ.
އަދުނާން ވިދާޅުވީ، މިހާރު އެ ދޯނި ފުން ކުރެވިއްޖެ ކަމަށާއި، އެ ދޯނީގައި 13 މީހުން ދަތުރުކުރި ކަމަށެވެ.
"ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ. މިހާރު އެ ދޯނި ފުންކުރެވިއްޖެ،" އަދުނާން ވިދާޅުވި އެވެ.
މިއަދު ހެނދުނު ކޯސްޓް ގާޑާއި މެރިން ޕޮލިހުން ވަނީ، ފ. ބިލެއްދޫން ފުރައިގެން 169 މީހުންނާ އެކު މާލެ ދަތުރުކުރި "ހިތްވަރު ބޯޓު"ގެ އިންޖީނުން ދުންއަރަމުންދާތީ އެބޯޓުން ދަތުރުކުރި މީހުން މާލެ ގެނައުމުގައިވެސް ހަރަކާތްތެރިވެފައެވެ.